ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްގީ ކުރެވޭ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ އެއްބައި ނިމުމާއި ގާތަށް ގޮސްފައިވާ ކަަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)އިން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަަތް ކުރިއަށް ގެންދަނީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ

އެ އެއާޕޯޓްގެ މަސައްކަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމުން އާރްސީއެލްއިން ވިދާޅުވީ، 1،200 މީޓަރުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހެއްހާ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ނިމުމާއެކު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަނީ

އެ ކުންުފުނިން މައުލޫމާތުދިންގޮތުގައި 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިންގ ފެސިލިޓީސްވެސް ގާއިމް ކުރެވިގެންދާނެއެވެ. އަދި މީގެ ސަބަބުން، ރޭގަނޑުގެ ދަތުރުތަކަށް ހިދުމަތްދެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މުޅި ރަންވޭގެ މަސައްކަތް 2024 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރުގެ ތެރޭގައި ނިމި 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫއު ކުރިއަށްދާނީ ވަރަށް ރޭވުންތެރި ކަމާއެކު، އެއަރޕޯޓް ބަންދުނުކޮށެވެ. އެގޮތުން، ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ސެގްމަންޓަކަށް ބަހާލެވެގިން، ރަންވޭއެއްކޮށް ބަންދުނުކޮށްވާނެ ގޮތެއްގެ މަތިންނެވެ. ސަބަބަކީ ރައްޔިތުންނަށް ދެމުންދާ ޙިދުމަތްތައް ނުހުއްޓި ކުރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުންނެވެ.

މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.

މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު