ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހަ ބިލިއަން ޑޮލަރުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަޝްރޫއަކީ މުހިންމު މަޝްރޫއަކަށް ވެގެން ދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ބޮޑު މަޝްރޫއާއި އިކޮނިކް ޒޯން އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ 12 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ޖީޑީޕީއެއް އުފައްދަން ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ޖުމްލަ ޖީޑީޕީ އަކީ ހަ ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އެ ހަ ބިލިއަންގެ ޖީޑީޕީއަށް އަހަރުން އަހަރަށް ހަތަރު ޕަސެންޓުގެ އިތުރުވުމެއް އައިނަމަވެސް މި ހިސާބުތައް ބުނެދެނީ ޖީޑީޕީ 12 ބިލިއަނަށް ޖެއްސުމަށްޓަކައި، ގާތް ގަނޑަކަށް ހަތަރެއް ނުވަތަ ފަސް މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައިދު ވިދާޅުވީ ޖީޑީޕީއާ އެރައިވަލް އާ ގުޅުން 2003 އަކުން ފެށިގެން 2022 އަށް ގާތްގަނޑަކަށް އޮތް ގުޅުން މިކަމުގެ ފަންނީ ހިސާބު ޖެއްސެވި ޓީމުން 95 ޕަސެންޓު ރަނގަޅު ހިސާބެއް ގެނެސްދޭ ކަމަށެވެ. އަދި މި ހިސާބު ބުނަނީ ރައީސް ނިންމުން ނަންގަވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާލަތު ބަދަލު ކުރުމުގައި އަޅުގަނޑުމެންނަށް ސަރުކާރު ހަވާލުވިއރު މުޅި އިންޑަސްޓްރީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތްތަކުން އަޑު އިވެމުންދިޔައީ އެއް ވާހަކަތަކެއް. އެގޮތުން ފަތުރުވެރިންގެ އަދަދު އިތުރުވޭ، ގާތްގަނޑަކަށް މިދިޔަ އަހަރު ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި. އެކަމަކު މި އިންޑަސްޓްރީގެ ޝަކުވާއަކީ އެވްރެޖުކޮށް ޑެއިލީ ރޫމް ރޭޓު ދަށްވަމުން އަންނަ މައްސަލަ. އެއާލައިންތަކުގެ ޝަކުވާއަކީ ރާއްޖޭގެ ފިއުލް އަގުބޮޑުވާހަކަ. މިވެސް ލިބޭ ޝަކުވާ އެއް." އޭނާ ވިދާޅިުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ދެއްވާ އިރުޝާދުގެ އަލީގައި އެއާލައިންތަކާ ވާހަކަ ދެއްކުމުން ރާއްޖެއަށް އިންވޯންޓް ޓްރެވެލާސް ނުވަތަ ޓުއަރިސްޓުން އަންނައިރުގައި ކޮންމެވެސް ސިފައެއްގައި ރާއްޖެއިން އަނބުރާ ގެންދާނެ މުދާ އުފެއްދުމަކީވެސް ކުރެވޭނެ ކަމެއް ކަމަށް ކަމަށެވެ.

"ޖުމްލަކޮށް މިރޭ ރައީސް އިފުތިތާހު ކުރައްވާ އެމަނިކުފާނުގެ ތަސައްވަރުގައި މިވީ ކުޑަ ދުވަސްކޮޅު ތެރެގައި ރާއްޖޭގެ މިހާލަތު ބަދަލު ކުރުމަށްޓަކއި ވަރަށް ގިނަ އިގުތިސާދީ މާހިރުންގެ އަދި ފައިނޭންޝިއަލް އެކްސްޕާޓުންގެ ލަފަޔާ އިރުޝާދާ، ހިސާބު ޖެހިގެން، މިއީ ރާއްޖޭގެ ހާލަތު ބަދަލު ކޮށްލަން ނެގޭ ވަރަށް ވަރުގަދަ ޓްރާންސްފޮމޭޝަން ޑިސިޝަނެއް. މުޅިން އާ ޒަމާނަކަށް ދިވެހި ރާއްޖެ ގެންގޮސްދޭނެ ހަަރުދަނާ ނިންމުމެއް. މިހާރު އަޅުގަނޑުމެން ކުރިމނަތީގައި އޮތް ސުވާލަކީ މިހާލަތު މިއަދު ބަދަލު ކުރާނީތޯ. ނުވަތަ ރޭހުގައި ވާދަނުކުރެވޭ ހާލަތަކަށް ދަންދެން އެ ހާލަތު ބައްދަލުވަންދެން ވާހަކަ ދައްކަ ދައްކާ ތިބެންވީތޯ؟" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ހާލަތު ބަދަލުކޮށްގެން ނޫނީ އަހަރުން އަހަރަށް ދައުލަތުން އުފައްދާ ދަރަނި، ކުޑަނުވާނެ ކަމަށެވެ.

"ރައީސް ގެންނަވާ ތަސައްވަރަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނު ވިސްނަވައިގެން އިންޑަސްޓްރީގެ ޝަކުވާގައި، އެއާލައިންތަކުގެ ޝަކުވާގަ، ކާގޯ އިންޑަސްޓްރީގެ ޝަކުވާގަ،އެ ބުނާ ވާހަކަތަކުގެ ހައްލު މި ޕްރޮޖެކްޓުން ފިއުލް އަގުހެޔޮވުމަށް ފުރުސަތު ދޭނެ. މި ޕްރޮޖެކްޓުން ކާގޯ އެތައް ގުނައަކަށް އިތުރުކުރުމަށް ފުރުސަތު ދޭނެ. އަދި މި ޕްރޮޖެކްޓުން ވިޒިޓާ އިކޮނޮމިކް ބޭސްޑް އެއް ހަރުދަނާކޮށް ފުޅާކުރަން ފުރުސަތު އެތައް ގުނައަކަށް ފަހިވެގެންދާނެ. އަދި ޓްރާންސިޓު މާކެޓެއް ރާއްޖޭގަ އުފެދުމަށް ވަރަށް ފުޅާ ފުރުސަތުތަކެއް ފަހުވެގެންދާނެ. އަދި ޔުނިކް ސެލިން ޕޮއިންޓް ކަމަށް ރާއްޖެއިން މަޝްހޫރުވާ ސަން، ސޭންޑް އެންޑް ސީ، މީގެ އިތުރަށް ރާއްޖޭގެ ޓްރާންސިޓް ފަސިންޖަރުންނަށް މި ސަރަހައްދުގެ ގައުމުތަކުން ނުލިބޭނެ އެޑްވާންޓޭޖުތަކެއް ރާއްޖެއިން ލިބިގެންދާނެ." އޭނާ ވިދާޅުވިއެވެ.

ސައިދު ވިދާޅުވީ މި ސަރުކާރު ހަވާލުކުރީ ފަސޭހަ ވަގުތެއްގައެއް ނޫން ކަމަށެވެ. އަދި އެވާހަކަ ދައްކަވަން ވެއްޖެނަމަ ވަރަށް ވަގުތު ނަގާނެ ކަމަށާއި ރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ރައީސްގެ އިރުޝާދާއި މަސައްކަތްޕުޅުން އަދި އެމަނިކުފާނު ދިވެހި ގައުމަށް ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރެއާއި ދުވާލު އެމަނިކުފާނު ދެއްވާ އިރުޝާދުގެ އަލީގައި އެމަނިކުފާނުގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުަރމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ލިބުނު ނަސީބެއް ކަމަށާއި ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ތާރީހުގައި މިހާ ބުރަކޮށް މަސައްކަތް ކުރައްވާ ވެރިއަކު ހަމަ ހަގީގަތުގައިވެސް ދިވެހި ރައްޔިތުންނަށް ފެނިފައިނުވާނެކަން ފަހުރުވެރިކަމާ އުފަލާއެކު ފާހަގަ ކުރައްވާ ކަމަށާާއި އެކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު