ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާރު ތަރައްގީ ކުރަމުންދާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ނިމި މި އަހަރު ތެރޭގައި ބޭނުން ކުރަން ފަށާނެ ކަަމަށް އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ތަރައްގީ ކުރެވެމުންދާ މަސައްކަތަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އާ ރަންވޭ ނިންމާލާފައިވާއިރު ފިއުލް ފާމްވެސް ވަނީ ނިމިފައެވެ. އަދި ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މިހާރު ކުރެވެމުންދާ މަސައްކަތަކީ ޕެސެންޖާ ޓާމިނަލްގެ މަސައްކަތެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ބޮޑު މަޝްރޫއާއި އިކޮނިކް ޒޯން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގާއި ވާހަކަދަައްކަވަމުން ޝަރީފް ވިދާޅުވީ އޭނާ އެމްއޭސީއެލްއާ ހަވާލުއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދަކީ އާ ޓާމިނަލް ނިންމާ އަވަހަށް ހިދުމަތް ދިނުން ކަމަށެވެ.

އަދި މި މަސައްކަތް ނިންމުމަށް އާ ޓާސްކް ފޯސްތައް އުފައްދާ މަސައްކަތް ކުރާނެ އިންތިޒާމް ހަމަޖެހި ރޭވިފައިވާ ކަަމަށް ވިދާޅުވިއެވެ.

"މިކަމަށް ރައީސް ދެއްވާ އިރުޝާދާއި އެއްގޮތަށް، ސަރުކާރުން ބޭނުންވާ ސްޕީޑްގައި އިރާދަކުރެވިއްޔާ މަސައްކަތް ނިންމާލެވޭނެ".

އޭނާ ވިދާޅުވީ، ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑުބައި މިއަހަރުގެ ނިޔަލަށް ނިމި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު މިރޭގެ ޖަލްސާގައި - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"މިއާއެކު އެމްއޭސީއެލްގައި %25 އިތުރު ވަޒީފާ އުފެދިގެން ދާނެ، އެއީ ގާތްގަނޑަކަށް 1،000 އާ ވަޒީފާ އުފެދިގެން ދާނެ، އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ވައިގެ ދަތުރު ފަތުރު ކުރުމުގެ ސިނާއަތު ތަަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް،".

އޭނާ ވިދާޅުވީ، މިކަހަލަ ކަމެއް ކުރެވޭނީ ވަރަށް ދުރު ރާސްތާ ޕްލޭން ކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒަކީ އެފަދަ ލީޑަރެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގައެވެ. އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވި އިރު، މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު