ޖެނުއަރީ 17 އާ ހަމައަށް ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފަައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ދެ އަހަރާއި އަޅާކިޔާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %9.5 އިތުރު ވެފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 101،626 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރުގެ މިހާތަަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިންނެވެ. އެ ގައުމުން ރާއްޖެއަށް 12،373 ފަތުރުވެރިން މިހާތަނަށް އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން 11،404 ފަތުރުވެރިން އައިސްފައި ވެއެވެ. މިހާރު ލިސްޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން ރާއްޖެއަށް 8،261 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ހަތަރުވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް 8،110 ފަތުުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާއިރު، 40 އަށްވުރެ ގިނަ އެއާލައިންތަކުން މިހާރު ރާއްޖެއަށް ދަތުރު ކުރަމުން ދެއެވެ.

އަދި ރާއްޖޭގެ 176 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓެލަކާއި، 811 ގެސްޓް ހައުސްގެ އިތުރުން، 140 ސަފާރީ އުޅަނދެއް އޮޕަރޭޝަނަަށް ގެނެސްފައި ވެއެވެ.