ރާއްޖޭގެ 12 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޖެންޓުން ހަމަ ޖައްސައި އެ ހިދުމަތް ފުޅާ ކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އިތުރު 12 ރަށެއްގައި ބޭންކުގެ އޭޖެންޓުން ހަމަޖެއްސުމާއި އެކީ މިހާރު ޖުމްލަ 62 އޭޖެންޓުން ރާއްޖޭގައި ތިބޭނެ ކަމަށާއި އޭޖެންޓުންގެ ފަރާތުން ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގުން އަދި ލޯނުތަކަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ބީއެމްއެލްގެ އޭޖެންޓުން ހަމަޖައްސާފައިވާ 12 ރަށްތަކަކީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިއްނަމާދޫ، ބ. ފުޅަދޫގެ އިތުރުން މ. ކޮޅުފުއްޓެވެ.

މި އޭޖެންޓުން މެދުވެރިކޮށް ކޮންމެ ދުވަހެއްގެ މައްޗަށް 10،000 ރުފިޔާ ޖަމާ ކުރެވޭނެ ކަމަށާއި އަދި ދުވާލެއްގެ މައްޗަށް 2،000 ރުފިޔާ ނެގޭނެ ކަމަށް ބީއެމްއެލް ވަނީ ބުނެފައެވެ. މި ހިދުމަތް ހޯދާއިރު ވެސް، އިތުރު އަގެއް ނުނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އޭޖެންޓް ބޭންކިން ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ބޭންކުގެ ހިދުމަތް ލިބެން ނުހުންގަ ރަށްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

ބީއެމްއެލުން ބުނީ، ފައިސާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދޭ 200 އަށްވުރެ ގިނަ އޭޖެންޓުން ތިބޭނެ ކަމަށާއި އަދި ފައިސާ ޖަމާކޮށް އިތުރު ހިދުމަތް ފޯރުކޮށްދޭ 60 އަށްވުރެ ގިނަ އޭޖެންޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭނެ ކަމަށެވެ. މި ހުރިހާ އޭޖެންޓުން ވެސް ހިދުމަތް ފޯރުކޮށްދެނީ އިތުރު އަގަކާއި ނުލާ ހިލޭއެވެ.

ކޮވިޑް-19ގެ ސަބަބުން ރަށްތައް ފުރަބަންދު ކޮށްފައި އޮތުމާއި ގުޅިގެން ހިދުމަތް ހޯދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ބީއެމްއެލުން އަންނަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު