އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް ގައި ދިނުމަށް ތައްޔާރު ވަމުންދާ އަސްކަރީ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު ހޭންކް ބްރުއިންސް ވިދާޅުވެއްޖެއެވެ.

ބްރުއިންސް އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވެފައި ވަނީ ރަފަހް ގައި ތާށިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުން ދީފާނެ އުދުވާނީ ހަމަލާ އަކުން ރައްކާތެރިވުމަށް މިހާރު ރަފަހް ގެ ދެކުނަށް ޖަމާވަމުން އަންނަ ކަމަށެވެ.

" އާންމު ރައްޔިތުން މިހާ ގިނައިން ޖަމާވެފައިވާ ތަނެއްގައި އާންމުންނަށް ގެއްލުން ނުލިބި އަސްކަރީ ކާމިޔާބު ހަރަކާތެއް ހިންގާނެ ގޮތެއް އަހަރެންނަކަށް ނުވިސްނޭ. މިކަހަލަ އަސްކަރީ މިޝަން އެއްގެ ސަބަބުން ކުށެއް ނެތް އާންމު ރައްޔިތުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވާނެ، އަދި ދެން ކުރިމަތިލާން ޖެހޭނީ މިހާރަށް ވުރެ ބޮޑު އިންސާނީ ކާރިސާ އަކާ. މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން." ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވެއެވެ.

އިސްރާއީލުން އެއްގަމު މަގުން ރަފަހް އަށް އަރަން ތައްޔާރު ވަމުންދާއިރު، އެކަމާއި މެދު ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރަފަހްގައި މިހާރު ވެސް ގެދޮރު ގެއްލި، ވަންނާނެ ތަނެއް ނެތް 1 މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެބަ ތިބި ކަމަށާއި، އެ ސަރަހައްދަށް ވަރަށް އަވަހަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި، އެހެންނޫންނަމަ އިންސާނީ ބޮޑު ކާރިސާ އެއްގެ ބިރު އެބަ އޮތް ކަމަށް އދ އިން ވަނީ އިންޒާރު ދީފައެވެ.