އެތައް މަސް ދުވަހަކުން ފެށިގެން ރަޝިއާގެ އަސްކަރިއްޔާ އިން ހިފަން މަސައްކަތް ކުރާ ޔޫކުރޭނުގެ އިރުމަތީގެ ސަހަރެއް ކަމަށްވާ އަވްދީވްކާ އިން ޔޫކުރޭނު ސިފައިން ބާލާފައިވާ ކަމަށް ޔޫކުރޭނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ ވެެރިޔާ އޮލެކްސާންޑަރ ސީރްސްކީ ވިދާޅުވެފައިވަނީ ސިފައިން ބޭލީ ސިފައިންގެ ފުރާނައާއި ސިއްހަތު ރައްކާތެެރި ކުރުމަށް ކަމަށެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ ހަތިޔާރުގެ ގޮތުން ރަޝިއާ ބޮޑެތި ފައިދާ ތަކެއް އޮތް ކަމަށެވެ. އަދި ރަޝިއާ އިން ކުރިއަށް ޖެހެމުން ދަނީ "އެމީހުންގެ އަމިއްލަ ސިފައިންގެ ފުރާނަ ނެތް ހަށިތަކުގެ މަތިން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި މިއީ އެންމެ ރަނގަޅު ނިންމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީރްސްކީ ވިދާޅުވެފައިވަނީ އެ ނިންމުން ނިންމާފައިވަނީ އަވްދީވްކާގައި އޮތް އަސްކަރީ ހާލަތުގެ ގޮތުން ކަމަށެވެ.

"އަހަރެމެންގެ ސިފައިން ވަނީ އެމީހުންގެ އަސްކަރީ ވާޖިބު އިހުލާސްތެެރިކަމާއި އެކު އަދާކޮށްފައި، އަދި ރަޝިއާގެ އެންމެ ވަރުގަދަ އަސްކަރީ ޔުނިޓްތައް ސުންނާފަތި ކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައި، އަދި މީހުންނާއި ހަތިޔާރުގެ ގޮތުން ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއްވެސް ދީފައި." މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަސްކަރިއްޔާގެ ވެެރިޔާގެ މަގާމަށް އައްޔަން ކުރެވުނު ސީރްސްކީ ވިދާޅުވިއެވެ.

އަވްދީވްކާ ރަޝިއާގެ ބާރުގެ ދަށަށް ދާން އުޅޭ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ވަނީ މިދިޔަ ހަފްތާގައި ފާޅުކޮށްފައެވެ. އަދި އެއީ ޔުކުރޭނުގެ ސިފައިންގެ އަތުން ހަތިޔާރު ހުސްވަމުންދާތީ ކަމަށްވެސް އެމެެރިކާގެ ގައުމީ ސަލާމަތީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ ވިދާޅުވެފައެވެ.

ޔޫކުރޭނަށް 60 ބިލިއަން ޑޮލަރުގެ އެހީ ދިނުމުގެ ބިލު އެތައް މަސްދުވަހެއްގެ ހިޔާލު ތަފާތުވުން ތަކަށް ފަހު އެމެެރިކާގެ ސެނެޓުން މިދިޔަ ހަފްތާ ވަނީ ފާސްކޮށްފައެވެ.

އަވްދީވްކާ އަކީ ރަޝިއާ އިން ހިފާފައިވާ ޑޮނެސްކު ސަހަރަށް ވަންނަން އޮންނަ ކުޑަ ކުޑަ ސަހަރެކެވެ. އެ ސަހަރުގައި އެތައް މަސްދުވަހަކުއްސުރެ ހަނގުރާމަ ކުރެވެމުންދާ އިރު އެ ސަހަރު ވަނީ މިހާރު މުޅިން ސުންނާފަތި ވެފައެވެ.

އަވްދީވްކާ އަކީ 2014 ވަނަ އަހަރު ރަޝިއާ އިން ޔޫކުރޭނުގެ ޑޮނެސްކު އަދި ލުހާންސްކްގެ ބޮޑުބައެއް ހިފި އިރުއްސުރެ ހަނގުރާމައިގެ މައިދާނެކެވެ.

އަވްދީވްކާ ރަޝިއާގެ ބާރުގެ ދަށަށް ދިއުމަކީ މިދިޔަ އަހަރުގެ މޭ މަހު ރަޝިއާ އިން އެ ސަރަހައްދާއި ކައިރި ބަޚުމޫތު ހިިފި ފަހުން، ހަނގުރާމައަށް އައި އެންމެ ބޮޑު ބަދަލެެވެ.