23:45

ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ދެކޮޅަށް ކުރި މުޒާހަރާ

23:38

ޣައްޒާގެ އަލް ނަސީރު ހޮސްޕިޓަލުގައި ތިބި ނިރުބަވެރި އިސްރާއީލުގެ ބައެއް މީހުން އެ ހޮސްޕިޓަލް ދޫކޮށްދާން ފަށައިފި.

23:03

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއާއި ގުޅެން ދެކޮޅު ހެދި އަންހެނަކު ޖަލަށްލާން އިސްރާއީލުގެ ކޯޓަކުން ހުކުމް ކޮށްފި.

 

21:51

ސީބީއެސް ނޫހަށް ދިން އިންޓަވިއުއެއްގައި އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު އެއްބަސްވުމެއް ހަދައިފިނަމަ، ރަފާހުގައި އަސްކަރީ އޮޕަރޭޝަން ހިންގުން ފަސް ކުރެވިދާނެ ކަމަށާއި ނަމަވެސް ފަހުން ވަކި ހިސާބަކުން ރަފާހަށް އަރައިގަންނަން ވެސް ޖެހިދާނެ ކަމަށް.

21:48

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލް ސިފައިންގެ ސާޖެންޓް އޮޒް ޑެނިއަލް ނަމަކަށް ކިޔާ މީހަކު ހަމާސް ޖަމާއަތުން މަރާލާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ޣައްޒާއަށް ގެންދިޔަ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލުން އޭނާ މަރާލާފައިވާ ކަމަށް ބުނި ނަމަވެސް އިސްރާއީލް މީހުންނަށް އޭނާ މަރާލާފަައިވާކަން އެނގުނު ގޮތެއް ހާމަކޮށްފައެއް ނުވޭ.

20:48

އިސްރާއީލުން ޣައްޒާގެ ތުއްތު ކުދިންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނުހުއްޓުވި މުޅި ދުނިޔެ އެކުދިންނަށް ފެއިލްވެފައިވާ ކަމަށް 8 ދުވަހަށް ޣައްޒާއަށް ދިޔަ ކެނެޑާގެ ޑޮކްޓަރެއް ކަމަށްވާ ފޯޒިއާ އަލްވީ ބުނެފި.

އޭނާ ބުނެފައިވަނީ ޣައްޒާގައި ހޭދަކުރި ދުވަސްތަކުގައި ހަމަލާތައް ފެނުނު ކަމަށާއި ކުޑަކުދިން ބަނޑަށްޖެހި ޝަހީދުވާ މަންޒަރާއި ހަމަލާތަކުގައި ޝަހީދުވި މަންޒަރު ފެނުނު ކަމަށް.

20:45

ވަންނާނެ ގެދޮރު ނެތް ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ރަފާހުގައި. ރައްޔިތުން ތިބީ ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފަ.

19:47

އިސްރާއީލް ސިފައިން ޚާން ޔޫނިސް ދޫކޮށް ދިޔައިރު، އެތަނުގައި ހާލަތު

19:33

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ކްރޮސިންގެ މިސްރު ފަރާތުގައި 2،000 އަށް ވުރެ ގިނަ އެހީގެ ޓްރަކްތައް ބަހައްޓާފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމު ކޮށްފި.

 

19:29

ފަހުގެ މައުލޫމާތު:

  • އިސްރާއީލުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާކުރާ ފަރާތްތަކުން ދޯހާއަށް ދަތުރުކުރާނީ ކެޕްޓިވް ރިލީސް އެންޑް ޓްރޫސް އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް.
  • އިސްރާއީލުން ޣައްޒާގެ ސަބްރާ ސަރަހައްދަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި
  • އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާތަކުގައި ޚާން ޔޫނުސް އާއި ބެއިޓް ލަހިޔާގައި ވެސް ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.
  • ސީރިއާ-ލުބްނާން ބޯޑަރަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުاللهގެ ދެ މީހަކު މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި.
  • ރޭގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ފަލަސްތީނުގެ 15 މީހަކު ހައްޔަރު ކޮށްފި.
  • އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ހޫތީންގެ ސައިޓްތަކަށް ހަމަލާދިނުން އީރާނުން ކުށްވެރިކޮށްފި.

 

19:20

ޣައްޒާ ތެރޭގައި ކުރިއަށް ގެންދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި މަރާލާފައިވާ އިސްރާއީލް އަސްކަރިއްޔާގެ ދެ ސިފައިންގެ ނަން އިސްރާއީލުން އާންމު ކޮށްފި.

އިސްރާއީލުން ބުނި ގޮތުގައި ޣައްޒާ ތެރޭގައި މަރާލާފައިވަނީ ސްޓާފް ސާޖެންޓް ނާޔާ ބެލެތް އާއި ސްޓާފް ސާޖެންޓް އިޑޯ ރިހާން. މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޣައްޒާ ތެރޭގައި މަރާލި ސިފައިންގެ އަދަދު ވަނީ 240 އަށް އަރާފަ.

18:28

17:37

ޣައްޒާގެ އަލް-ނަސީރު ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންތައް ނިންމާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

 

16:53

ޣައްޒާގެ އުތުރުގައި ކާބޯތަކެތި ހޯދުމުގައި ހަރަކާތްތެރިވަމުން ދިޔަ ޣައްޒާގެ އެއްބަނޑު އެއްބަފާ ދެ އަންހެނަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީފި.

މިހަމަލާތަކުގައި އެތަނުން އެކަކު މަރުވެފައިވާއިރު، އަނެއްމީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

މަންޒަރު ފެނެނު ކުޑަކުއްޖަކު މީޑިއާތަކަށް ބުނީ، ނިރުބަވެރި އިސްރާއީލުން އެއަންހެން މީހާގެ ގަޔަށް ދެ ފަހަރެއްގެ މަތިން ބަޑި ޖެހި ކަމަށާއި އެއްފަހަރު ބަޑި ޖަހާފައިވަނީ އޭނާގެ ހިތަށް ކަމަަށް.

16:51

ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް އެ ސަރަހައްދުގައި ފަރުވާ ދިނުމަށްފަހު، ގާޑިޔާތަކުގައި އަލް-އަޤްސާ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި.

16:48

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސްއަށް ދިން ހަމަލާގައި ސުންނާފަތިވެފައިވާ ސަރަހައްދުން ހަމީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ރިޕޯތްތަކުން ބުނެފި.

16:48

އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަމަލާތަކެއް ދީފައިވާކަން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ، ޑޭވިޑް ކެމެރޫން ކަށަވަރުކޮށްދީފި.

އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޔަމަނުގައި ހޫތީން އުޅޭ 18 ސައިޓަކަށް ހަމަލާދީފައިވާ ކަމަށް. މިހަމަލާއަކީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ރަތް ކަނޑުގައި ހޫތީން އެކި އުޅަނދުތަކަށް ދިން ހަމަލާތަކާއި ގުޅިގެން ދިން ހަމަލާތަކެއް.

16:29

އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދިނުން އީރާނުން ކުށްވެރި ކޮށްފި.

"އެމެރިކާއާއި އިނގިރޭސިވިލާތަކީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލް ސަރުކާރުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ޖަރީމާތަކަށް ތާއިދު ކުރާ ބައެއްކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ ބަދަލުގައި ހަނގުރާމަ ހުއްޓަން އިސްރާއީލަށް ބާރުއަޅާ ގައުމަކާއި ދެކޮޅަށް ހަމަލާދިނީ" އީރާން ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން، ނަސީރު ކަނާނީ

16:21

ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ޣައްޒާގެ 86 ވަރަކަށް މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދު ކޮށްލި މީހުންގެ އަދަދު 29،692 އަށް އަރާފައިވާ ކަމަށް ޣައްޒަގެ ހެލްތް މިނިސްޓްރީން ބުނެފި.

14:47

އިސްރާއީލްގެ އުތުރުގެ ސަރަހައްދަކަށް ހަތަރު ރޮކެޓް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން އެބަ ބުނޭ. އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން މިހާރު އެކަން ބަލަމުން އަންނަ ކަމަށްވޭ.

14:46

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްތަކުގައި ރޭގައި އެކަނި ވެސް 15 މީހުން ހައްޔަރުކޮށްފި.

13:39

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ގެ މެމްބަރުންތަކެއް ޝަހީދުވެފައިވާ ކަމަށް. އެ ހަމަލާ ދީފައި ވަނީ ސީރިއާ އާއި ލުުބުނާން ގުޅޭ ބޯޑަރު ކައިރިއަށް.

13:38

ޣައްޒާގެ ހާން ޔޫނުސް ސިޓީގައި ސިއްހީ ހިދުމަތް ލިބޭނެ ހުރިހާ ތަނެއް ހެން އޮތީ ހުއްޓިފައި. އެ ސަރަހައްދަށް އިސްރާއީލް ސިފައިން އެއްގަމު މަގުން އަރައިގެން އުޅޭ އިރު، ހަމާސްގެ މުޖާހިދުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދަނީ ހާން ޔޫނުސްގައި.

13:32

ޣައްޒާގެ ބެއިތު ލަހިޔާ ސަރަހައްދުގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި އެ ގޭގައި ތިބި ހަތަރު މީހުން ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަހަމްކޮށްލައިފި. މި ހަމަލާގެ ސަބަބުން މަދު ބަޔަކު އިމާރާތުގެ ދަށުވެފައި ތިބި ކަމަށް ވެސް އެބަ ބުނޭ. އެމީހުން ސަލާމަތް ކުރުމުގައި ސިވިލް ޑިފެންސް ޓީމުން ހަރަކާތްތެރިވާ އިރު، އެމީހުން އެކަން ކުރާނެ ސާމާނެއް ނެތުމުން ބޭނުން ކުރަނީ ހަމައެކަނި ދެ އަތް.

 

13:15

ފަލަސްތީނުގެ ޣައްޒާގައި ޒަހަމްވެގެން ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރުގެ ވީޑިއޯ.

 

12:30

ހުޅަނގު އައްސޭރީގެ ދެކުނު ނަބްލޫސް އިން ނޫސްވެރިޔާ ސާމީ އަލް ޝާމީ ރަހީނުކޮށްގެން ގެންގޮސްފި

11:09

ފަލަސްތީނުގެ ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލުގެ ނިރުބަވެރި ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފި

10:34

ޣައްޒާ ސިޓީގެ އަލްސަބްރާ އަވަށުގައި ހުންނަ ކާލީ އާއިލާގެ ގެއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ތިން ޝަހީދުވެއްޖެ

10:31

ޣައްޒާގެ ދެކުނުގެ އަލް ޒައިތޫން އަވަށުގެ އެންމެ ފަހުގެ ކަންކަން:

ޝަފުތު ސަރަހައްދާއި ހަސަން އަލް ބަންނާ މިސްކިތް ކައިރީގައި ބޮޑުބަޑީގެ ބަޑީގެ ހަމަލާތަކެއް ދީފައިވޭ.

އެތަނުގައި ތިބި ފަލަސްތީނުގެ މީހުންނާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުން.

10:17

ފަލަސްތީނުގެ ޣައްޒާ ސިޓީގެ އުތުރުގައި ކިރު ނުލިބި، ބަނޑުހައިވެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ދެ މަހުގެ ތުއްތު ކުއްޖަކު މިދުނިޔެއާ ވަކިވެއްޖެ

09:49

ތެލްއަވީވްގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ކުށްވެރިކޮށްފި.

ސެންޓްރިސްޓް ޔޭޝް އާތިދު ޕާޓީގައި އިސްކޮށް އުޅުއްވާ ލަޕިޑް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ރޭ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ޣައްޒާގެ ބަންދުގައި ތިބި މީހުންގެ އާއިލާތައް ވެސް ހިމެނޭ ކަމަށާއި އެއީ ނުރައްކާތެރި އަދި ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް.

09:48

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް ހުއްޓާލުމަށް އަރަބި އަދި މުސްލިމް ދުނިޔޭގެ ތެރޭގައި އެއްބައިވަންތަ ސްޓޭންޑެއް ގެންގުޅުމަށް ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓަރު ނަބީލް އަބޫ ރުދީނޭހް ގޮވާލައްވައިފި.

09:47

ޣައްޒާގައި ތިބި ހަމާސް ޖަމާއަތުގެ އެންމެން ދޫކޮށްލުމަށް ގޮވާލައި އެމެރިކާގެ އެކްޓަރު މައިކަލް ރަޕަޕޯޓް ތެލްއަވީވްގައި އޮތް މުޒާހަރާގައި ވާހަކަ ދައްކައިފި.

09:46

ޖަބާލިއާއަށް ނިސްބަތްވާ އުމް ވަޖްދީ ސަލްހާ ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ކާބޯތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިފަކޮށްފައި.

"ފެނެއް ނެތް، ފުށް ވެސް ނެތް، ބަނޑުހައިހޫނުކަމުގެ ސަބަބުން ވަރަށް ވަރުބަލިވެއްޖެ. އަލިފާނާއި ދުމުގެ ސަބަބުން އަހަރެމެންގެ ބުރަކައްޓާއި ލޮލުގައި ރިއްސާ،" އޭނާ ބުނެފައިވޭ.

"ބަނޑުހައިހޫނުކަމުގެ ސަބަބުން މީހާ އަނަރޫފަވެ، ބަނޑުހައިވުމާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފައިމައްޗަށް ތެދުވެވޭކަށް ނެތް،" ސަލްހާ ބުނެފައިވޭ.

09:43

ފަލަސްތީނުގައި ހުންނަ ނޯވޭގެ އެމްބަސީން ވަނީ ޣައްޒާގައި ޝަހީދުވި ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ވަކީލުންގެ މަރާއި ގުޅިގެން ހިތާމައިގައި މީސް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފި

ނޯވޭއިން ވަނީ ނޫރު ނާސިރު އަބޫ އަލް ނޫރް އާއި ދާނާ ޔަގީ އަކީ އަންހެނުންގެ ހައްގުތައް ދިފާއުކޮށް ފަލަސްތީނުގެ ސެންޓަ ފޯ ހިއުމަން ރައިޓްސް (ޕީސީއެޗްއާރު) ގައި މަސައްކަތް ކުރެއްވި ހުނަރުވެރި ޒުވާން ދެ ވަކީލުންގެ ގޮތުގައި ސިފަކޮށްފައި.

08:53

08:10

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯން އަށް ދިން ހަމަލާގައި ފަލަސްތީނުގެ އަށް މީހަކަށް އަނިޔާކޮށް ސުވާލުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

08:09

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލައި ގައިދީން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް އައުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޓްޒާޗީ ހަނެގްބީ ލަފާކޮށްފި.

ހޮނިހިރު ދުވަހު އިސްރާއީލުގެ އެން12 ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހަނެގްބީ ބުނީ ޕެރިހުގައި ތިބި ގަތަރާއި މިސްރު އަދި އެމެރިކާގެ އޮފިޝަލުންނާ އެކު މަޝްވަރާކުރުމަށްފަހު އެނބުރި އަންނަ އިސްރާއީލުގެ މަންދޫބުން ހަނގުރާމައިގެ ކެބިނެޓަށް ބްރީފިންއެއް ތާވަލުކޮށްފައިވާ ކަމަށާއި އެކަމުން އެނގެނީ "އެމީހުން އެނބުރި އައީ ހުސް އަތާ ނޫން ކަމަށް" ކަމަށް.

08:06

ޖިބޫޓީގެ އިރުން 70 ނޯޓިކަލް މޭލު ދުރުގައި އޮތް އުޅަނދެއް ކައިރީގައި އެއްޗެއް ގޮއްވާލި ކަމުގެ ރިޕޯޓް އަސްކަރިއްޔާ އާއި ކޮމާޝަލް ޝިޕިންއާ ދެމެދު އޮންނަ އިންފޮމޭޝަން ކޮންޑިއުޓެއް ކަމަށްވާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އަށް ލިބިއްޖެ.

08:04

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި ޝިޕިންއަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ އެކަމުގެ ނަތީޖާ ދެމިއޮންނާނެ ކަމުގެ އިންޒާރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ދީފި.

08:03

ލަންޑަންގެ މޭޔަރު ސާދިކް ޚާން އަކީ އިސްލާމިސްޓްގެ ބާރުގެ ދަށުގައި އޮތް ބޭފުޅެއް ކަމަށް ބުނި އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން އެ ޕާޓީގެ މެމްބަރަކު ސަސްޕެންޑްކޮށްފި.

އެ ޕާޓީން ބުނީ ލީ އެންޑަސަން ސަސްޕެންޑް ކުރީ ޓީވީ ޗެނަލެއް ކަމަށްވާ ޖީބީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުސްލިމެއް ކަމަށްވާ ޚާންއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް މައާފަށް އެދުމަށް ދެކޮޅު ހެދުމުން ކަމަށް.

07:59

ރަފަހު މިއަދު އަސްކަރީ ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

އެތަނުގައި ހަރަކާތެރިވަމުންދާ ނޫސްވެރިންނާއި ހަވާލާދީ މީޑިއާ ރިޕޯޓްްތައް ބުނާގޮތުގައި މިއަދު ރެސިޑެންޝަލް ފްލެޓްތަކަށް އަމާޒުކޮށްފައިވަނީ ސެންޓްރަލް ރަފަހްގައި.

މި ހަމަލާތަކުގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

އޭގެ އިތުރުން ރަފަހްގެ ޑިސްޓްރިކްޓްގެ އިރުމަތީ ފަރާތުގައި ހުރި ދަނޑުބިންތަކަށް ވެސް އަނެއްކާވެސް ވައިގެ ހަމަލާއެއް ދީފައިވޭ.

އަދި ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ރަފަހްގެ އިރުމަތީ ސަރަޙައްދުތަކުގައި އިތުރު ގޮވުންތަކެއް ގޮއްވާފައިވާ މަންޒަރު ފެނުނު ކަމަށް ނޫސްވެރިން ބުނެފައިވާއިރު، އެހެން ގެއަކަށް ވެސް އަމާޒުކޮށްފައިވާ ކަމަށް ބުނެފައިވޭ.

ނިރުބަވެރި އިސްލާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަގައި ވައިގެ ހަމަލާތައް އިތުރުވުމުގެ ސަބަބުން އިންސާނީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން މިގޮތަށް ބުނެފައިވާއިރު، އެ ސަަރަހައްދަކީވެސް މިހާރުވެސް އެތައް ހާސްބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

އެ ސަަރަހައްދުގެ އެކި ހިސާބުތައް މިހާރުވެސް ހަަމަލާތައް ބަދަލު ކުރަމުންދާއިރު، ބިރުވެރިކަން އޮތީ އިންތިހާއަށެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދއާ ހަވާލާދީ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 35 އަށް ވުރެ މަދު އެހީގެ ޓްރަކް ޣައްޒާއަށް ވަދެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 29،606 މީހުން ޝަހީދުވެ، 69،737 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1139 އަށް އަރާފައެވެ.