ރަޝިއާ އާއި ޔޫކުރޭނުގެ ދެމެދުގައި ކުރެވެމުންދާ ހަނގުރާމައިގައި ޔޫކުރޭނަށް އެހީވުމަށް ހުޅަނގުގެ ގައުމުތަކުން ސިފައިން ފޮނުވުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ އެ ފަދަ މޮޔަކަމެއް ނުކުރުމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ހުޅަނގަށް އިންޒާރު ދެއްވައިފިއެވެ.

ކޮންމެ އަހަރުކުވެސް ރަޝިއާގެ ރައްޔިތުންނާއި މުހާތަބުކޮށް އެގައުމުގެ ރައީސް ދެއްވާ އަހަރީ ހިތާބުގައި ފޫޓިން ވިދާޅުވެފައި ވަނީ ރަޝިއާގެ އަސްކަރިއްޔާގެ ގާބިލިއްޔަތާއި ކުޅަދާނަކަން ރަޝިއާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ޔޫރަޕުގެ ގައުމުތަކަށް އެކަން ނޭނގޭނަމަ ހަނގުރާމައިގެ މައިދާނަށް އަންނަންވީ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ޔޫރަޕުގެ ގައުމުތަކުން ނިންމައިފިނަމަ އެކަމުގެ ނަތީޖާ ޔޫރަޕުން ހީވެސް ނުކުރާހާ ހިތިވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ތުހުމަތު ކުރެއްވި ގޮތުގައި، ހުޅަނގުގެ ގައުމުތަކުން އުޅެނީ ރަޝިއާ ހަތިޔާރު އުފެއްދުމުގެ ރޭހަކަށް ވެއްދުމަށެވެ. އެއީ ރަޝިއާއިން އެއްވެސް ހާލަތެއްގައި ބޭނުންވާ ގޮތް ނޫން ކަމަށާއި، ނަމަވެސް ރަޝިއާގެ މިނިވަންކަމާއި ސަރަހައްދީ ސަލާމަތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަންވެސް ޕޫޓިން ވަނީ ރަޝިއާގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަޝިއާ އިން ކޮންމެހެން މުޅި ޔޫރަޕަށް ހަމަލާދޭން ނޫޅޭ ކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

"ހުޅަނގުގެ ގައުމުތަކުގެ ސަބަބުން ޔޫކުރޭނުގެ ހަނގުރާމަ ވެސް ފެށުނީ، އަދި މިހާރު ވެސް އެއްވެސް ކަހަލަ ހަގީގަތެއް ނެތް ބުހުތާނު ދޮގުތައް ހަދަމުން ހުޅަނގުން އެ ދަނީ. ހުޅަނގުން ބޭނުންވަނީ ރަޝިއާ އިން މުޅި ޔޫރަޕަށް ހަމަލާދޭން އުޅޭ ކަމަށް ދައްކަން. ރަޝިއާގެ އެކަހަލަ އެއްވެސް ސިޔާސަތެއް ނުވަތަ ނިޔަތެއް ނެތް." ރައީސް ޕޫޓިން ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަޝިއާގެ ރައީސް ވަނީ އެ ގައުމުގެ ހުޅަނގުގެ ބޯޑަރު ސަރަހައްދުގައި ސަލާމަތީ ކަންކަން ރަނގަޅުކޮށް، އެ ސަރަހައްދުގައިވާ ރަޝިއާގެ ދިފާއީ މަރުކަޒުތައް ކުރިއަށް ވުރެ ބޮޑަށް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ޕޫޓިން އެހެން ވިދާޅުވެފައިވަނީ ރަޝިއާގެ ހުޅަނގުން އޮންނަ ދެ ގައުމު ކަމަށްވާ ސުވިޑެން އާއި ފިންލޭންޑް ނޭޓޯގެ އަސްކަރީ އިއްތިހާދުގެ މެމްބަރު ގައުމުތަކަށް ރަސްމީކޮށް ވުމާ ގުޅިގެންނެވެ.