ޑިޖިޓަލް ފޮޓޯ ނެގުމަށް ހާއްސަ ކޮށްގެން އިރާނުން އުފައްދާފައިވާ އެ ގައުމުގެ އަމިއްލަ ސެޓެލައިޓް ޖައްވަށް ފޮނުވައިފިއެވެ.

އިރާނުން ދަނީ އެ ގައުމުގެ އަސްކަރިއްޔާ މިހާރަށްވުރެ ހަރުދަނާ ކޮށް ވަރުގަދަ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ޒަމާނީ އައު އީޖާދުތަކަށް އިރާނުގެ އަސްކަރިއްޔާ ހުޅުވާލައި، ޓެކްނޮލޮޖީގެ ދާއިރާގައި އެ ގައުމުގެ އަސްކަރިއްޔާ އިން ދަނީ ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރަމުންނެވެ.

ޕާސް 1 ގެ ނަމުން ނަންދީފައިވާ އެ ސެޓެލައިޓަކީ އިރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެ ގައުމުގެ ސައިންޓިސްޓުން އުފައްދާފައިވާ ސެޓެލައިޓެކެވެ. އަދި އެއީ ޖައްވުން ރީތި ސާފު ފޮޓޯ ނަގައި އެ ފޮޓޯތައް އިރާނުގެ އަސްކަރިއްޔާ އަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ސެޓްލައިޓެކެވެ.

މިއީ މިއަހަރުގެ މި ކުޑަ މުއްދަތުގެ ތެރޭގައި އިރާނުން ޖައްވަށް ފޮނުވާލި 4 ވަނަ ސެޓެލައިޓެވެ. މި ސެޓެލައިޓް އިރާނުން ޖައްވަށް ފޮނުވާފައި ވަނީ ރަޝިއާ ގެ ޖައްވީ ސްޓޭޝަނެއް ކަމަށްވާ ވޮސްޓޮޗްނީ ކޮސްމޮޑުރޯމް މަރުކަޒުގައި، ރަޝިއާގެ ސޮޔުޒް ރޮކެޓެއް ބޭނުން ކޮށްގެނެވެ.

ހުޅަނގުގެ ގައުމުތަކުން ވަނީ އިރާނުން ޖައްވަށް ސެޓެލައިޓްތައް ފޮނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި އިރާނުން ޖައްވީ ހަރަކާތްތައް ބޭނުން ކުރަމުން ދަނީ އަސްކަރީ ބޭނުންތަކަށެވެ.

ނަމަވެސް އިރާނުން ވަނީ އެކަން ދޮގު ކޮށްފައެވެ. އެ ގައުމުން ބުނެފައި ވަނީ އިރާނުގެ ހުރިހާ ޖައްވީ ހަރަކާތަކީ ވެސް ތަހްލީލުތައް ކުރުމުގެ ނިޔަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި ޖައްވީ ތަހުލީލުތައް ކުރުމަކީ އިރާނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ޕާސް 1 އަކީ ރިމޯޓް ސެންސިންގް އަދި ފޮޓޯ ނަގާ ސެޓެލައިޓެއް ކަމަށާއި، މި ސެޓެލައިޓްގެ މައިގަނޑު ބޭނުމަކީ ޖައްވުން އިރާނުގެ ބޯޑަރުތައް ބަލައި، މިހާރަށް ވުރެ ވެސް ރަނގަޅަށް އިރާނުގެ ޗާޓު ފަރުމާ ކުރުން ކަމަށް އިރާނުގެ ސަރުކާރުން ވަނީ ބުނެފައެވެ. ޕާސް 1 ސެޓެލައިޓް ހަރަކާތްތެރި ވާނީ ދުނިޔެއަށް ވުރެ 500 ކިލޯމީޓަރު މަތިން އިރާނުގެ ސަރަހައްދުތައް ސްކޭން ކުރުމަށެވެ.