ރަޝިއާ އިން ޔޫކުރޭނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ އެންމެ މޮޅު އަދި އެންމެ ފަހުގެ ޒަމާނީ ޖެޓް ކަމަށްވާ އެސްޔޫ - 57 ޖެޓްތައް ބޭނުން ކުރަން ފަށައިފިއެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ މަސްލަހަތު ދިފާއު ކުރަން ކަމަށް ބުނެ ޔޫކުރޭނަށް ހަމަލާދީ އެ ގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ހަނގުރާމަ އަށް 2 އަހަރުވެ 3 ވަނަ އަހަރަށް އަޅާފައިވާ އިރު، ރަޝިއާ އިން އެ ގައުމުގެ އެންމެ ފަހުގެ އަގުބޮޑު ޖެޓް ތައް ކަމަށްވާ 5 ވަނަ ޖެނެރޭޝަންގެ ސުޓެލްތް ޖެޓް އެސްޔޫ - 57 ބޭނުން ނުކުރަނީ ކީއްވެތޯ ދުނިޔޭގެ އަސްކަރީ ކަންކަން ދިރާސާކުރާ ހުރިހާ މާހިރުން ވެސް ދިޔައީ ސުވާލު އުފައްދަމުންނެވެ.

އޭރު އެބޭފުޅުން ބުނަމުން ދިޔައީ އެ ޖެޓް ތަކަކީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އަގުބޮޑު ޖެޓް ތަކެއް ކަމުން ރަޝިއާ އިން އެ އުޅަނދުތައް ބޭނުން ކުރަން ފަސްޖެހެނީ ކަމަށެވެ. އެއީ އޭރު ޔޫކުރޭނުގެ އަސްކަރިއްޔާގައި ހުޅަނގުގެ މޮޅު ވައިގެ ދިފާއީ ނިޒާމުތައް ހުރުމުންނެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ އުތުރު ކޮރެއާ އަދި އިރާނުން އުފައްދާފައިވާ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ތައް ބޭނުން ކޮށްގެން ޔޫކުރޭނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައިވާ ހުޅަނގުގެ މޮޅު ވައިގެ ދިފާއީ ނިޒާމުތައް ހަލާކު ކޮށްލާފައެވެ. އެއާއެކު ރަޝިއާ އިން އެންމެ ފަހުން މި ވަނީ އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ފަހުރު ކަމަށްވާ އެސްޔޫ - 57 ގެ މޮޅު ޖެޓް ތައް ހަނގުރާމައިގެ މައިދާނަށް ފުރަތަމަ ފަހަރަށް ނެރެފައެވެ.

ރަޝިއާ އިން ވަނީ މިދިޔަ މަހު އިރުމަތީ ޔޫކުރޭނުގައި ވާ ޔޫކުރޭނުގެ އަސްކަރިއްޔާގެ އަމާޒު ތަކަށް ހަމަލާދިނުމަށް އެސްޔޫ -57 ޖެޓެއް ބޭނުން ކޮށްފައެވެ. އެ ހަމަލާގައި އެސްޔޫ -57 ޖެޓުން ވަނީ އެ ޖެޓަށް ހާއްސަކޮށްގެން އުފައްދާފައިވާ ކޭއެޗް -69 މަރުކާގެ މިސައިލެއް ޓެސްޓު ކޮށްފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން އެ މިސައިލް ވަނީ އަމާޒުން ކައްސާލައި ކައިރީގައި އޮތް ދަނޑަކަށް އަރާފައެވެ.

ރަޝިއާ އިން އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ އެންމެ މޮޅު އަދި އަގުބޮޑު ޖެޓް ހަނގުރާމައިގެ މައިދާނަށް ނެރުނު ކަމުގައިވީ ނަމަވެސް އެ ޖެޓު ހިމާޔަތް ކުރުމަށް ޓަކައި 2 އެސްޔޫ -35 ޖެޓް ވެސް ވަނީ ހަރަކާތްތެރި ވެފައެވެ. އެއީ އެ ޖެޓަކީ އަދި ހަނގުރާމައިގެ އަމަލީ މައިދާނުގައި ޓެސްޓު ކޮށްފައިވާ ޖެޓް ތަކަކަށް ނުވުމާއި އެކީ އެ އަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުނަ ނުދޭން ވެގެންނެވެ.