ޓޮބާގޯ ގެ އައްސޭރިފަށް މި މަހުގެ ކުރީކޮޅު އަޑިއަށް ގޮސްފައިވާ ތެޔޮ ބާޖުން އެތައް ސަތޭކަ ލީޓަރެއްގެ ތެޔޮ ބޭރުވެ، މުޅި އެ ސަރަހައްދުގެ މޫދު ތަޣައްޔަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މި ބާޖުން ބޭރުވެފައިވާ ތެޔޮތައް ޓޮބާގޯއާ އެތައް ސަތޭކަ މޭލެއްގެ ދުރުގައި އޮންނަ ޑަޗް ކެރިބިއަންގެ އައްސޭރިފަށަށް ވެސް ފޯރާފައިވާ ކަމަށާއި، އަދިވެސް އިތުރު ހިސާބުތަކަށް ތެޔޮ ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން މިއަދުވަނީ ހާމަކޮށްފައެވެ. މީގެއިތުރުން މި ބާޖުން ބޭރުވަމުންދާ ތެޔޮތައް ޓޮބަގޯގެ ކަނޑުގެ ސަރަހައްދުން އެތައް މޭލަކަށް ފެތުރިފައިވާތީވެ، އެ ސަރަހައްދުގައި މިހާރުވަނީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ކަމާގުޅޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ ތެޔޮ ލީކުވުމުގެ ކާރިސާގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ. އެގޮތުން އެ ސަރަހައްދުގައި ހެދިފައިވާ ކުޅިތަކާއި މަސްމަހާމެހީގެ އިތުރުން މުރަކަތަކާއި ދޫނިސޫފާ ސޫފީގެ ބޮޑު އާބާދީއެއް މިކަމުގެ ސަބަބުން ނެތި ހިނގައިދާނެކަމުގެ ބިރު ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. ހަމައެހެންމެ ބާޖުން ލީކުވަމުންދާ ތެޔޮތައް ކޮންޓުރޯލުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅުގެން ޓޮބާގޯގެ މެރިން ސިފައިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާގޮތް ނުވެ، ތެޔޮތައް އިތުރަށް ލީކުވެ، އެހެން ސަރަހައްދު ތަކަށްވެސް މިކަމުގެ އަސަރު ކުރުމުގެ ބިރު ވަނީ ހީވެފައެވެ.

ކަމާގުޅޭ ދަރާތްތަކުން ހޯމަދުވަހު ހާމަކޮށްފައިވާ ގޮތުގައި ޓޮބާގޯގެ އިރުމަތިން 500 މޭލު ދުރުގައި އޮންނަ ރަށްތަކުގެ އައްސޭރިފަށަށްވެސް މިހާރު ވަނީ ތެލުގެ އަސަރު ކުރަން ފަށާފައެވެ. މީގެއިތުރުން އެ ސަރަހައްދަށް ލީކުވެފައިވަނީ ކިހާ އަދަދެއްގެ ތެލެއްކަމާއި، ބޯޓުގައި އިތުރަށް ހުރީ ކިހާ އަދަދެއްގެ ތެލެއްކަމެއް ލަފާކުރަން ވެސް ނޭނގޭކަމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޕެނަމާއިން ތެޔޮ ބަރުކޮށްގެން ގަޔާނާއަށް ދަތުރުކުރަމުން ދިޔަ މި ބާޖު އަޑިއަށް ދާން ދިމާވި ސަބަބާއި، މި ބާޖުގެ ވެރިފަރާތް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ކަމާގުޅޭ ފަރާތްތަކުން ދަނީ މި ބޯޓުގެ ވެރިފަރާތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެނާޖީ މިނިސްޓްރީން މިއަދު ހާމަކުރިގޮތުގައި މި ބޯޓުގެ ވެރިފަރާތް ދެނެގަތުމުގެ އިތުރުން ބޯޓު ފަރަށްއެރި ސަބަބު ދެނެގަތުމަށް ހައިޑްރޯގްރަފިކް ސާވޭއެއް ކަމާބެހޭ ފަރާތްތަކަށް ކުރެވޭނީ، އެ ސަރަހައްދަށް ފެތުރިފައިވާ ތެޔޮތައް ސާފުވެ، ޑައިވަރުންނަށް އެ ސަރަހައްދަށް ފީނައިގެން ބޯޓުގެ މައުޟޫމާތުތައް ދެނެގަނެވިގެންނެވެ.

ޓޮބާގޯގެ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެނާޖީ މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ފެތުރިފައިވާ ތެޔޮތަށް ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. ހަމައެހެންމެ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ތިމާވެށިގެ އެކްޓިވިސްޓުން އަންނަނީ ތެޔޮތައް ސާފުކުރުމުގެ މަސައްކަތަށް ހަރަދުތައް ކުރުމަށާއި އެނޫންވެސް އެހީތައް ފޯރުކޮށްދިނުމަށް ބޭރު ދުނިޔޭގެ އެހީތެރިކަމަށް އެދެމުންނެވެ. ހަމައެހެންމެ އެ ސަރަހައްދަށް ތެޔޮ ލީކުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.