އިސްރާއީލުން ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގައި ޝަހީދުވީ މީހުންގެ އަދަދު 31،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޝަހީދު ވެފައިވާ މީހުންގެ އަދަދު 31،045 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު 72،654 އަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާ ތަކުގެ ޝިކާރައަށް ވެފައިވާ މީހުންގެ ތެރެއިން 72 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

"ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އާއިލާތަކާއި ދެކޮޅަށް 8 ގަތުލުއާންމު ހިންގާފައި، އަދި އެ ގަތުލުއާންމު ތަކުގައި 85 މީހުން ޝަހީދު ކޮށްލައި، 130 މީހުން ވަނީ ޒަހަމް ކޮށްލާފައި." އެ ވުޒާރާގެ ޓެލެގްރާމް ޕޭޖުގައި ބުނެފައި ވެއެވެ.

ޝަހީދުވީ މީހުންގެ ޖުމްލަ އަދަދުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ޝަހީދުވެފައިވާ 25 ރައްޔިތުންވެސް ހިމެނެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ. ބަނޑުހައިހޫނުކަމާއި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން އެންމެ ފަހުން ޝަހީދުވެފައިވަނީ އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކާއި ޒުވާން އަންހެނެކެވެ.

ރަމަޟާން މަސް ފެށެން އެއްދުވަހަށް ވެފައިވާ އިރު ހަމަލާތައް ހުއްޓާލަން އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އިސްރާއީލުން ވަނީ އެމީހުންގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.