މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް އަގްސާ މިސްކިތަށް ފަލަސްތީނުގެ މުސްލިމުން ވަނުމަށް ނިރުބަވެރިން އިސްރާއީލުން ހުރަސް އަޅައިފިއެވެ.

ވަފާ ނިއުސް އެޖެންސީން ބުނެފައި ވަނީ ރޭ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަގްސާ މިސްކިތަށް އެތައް ސަތޭކަ މުސްލިމުން ނަމާދަށް ވަނުމަށް އިސްރާއީލު ސިފައިން ހުރަސް އަޅާފައި ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލު ސިފައިން ވަނީ މިސްކިތަށް ފިރިހެނުންނާއި ޒުވާން އަންހެނުން ވަނުން މަނާކޮށް، ހަމައެކަނި 40 އަހަރުން މަތީގެ އަންހެނުންނަށް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.

އަލްއަގްސާ މިސްކިތަށް އިސްރާއީލު ސިފައިން ވަނުން އެތައް މަހެއްވަންދެން ވަނީ މަނާކޮށްފައެވެ.

މީގެ ކުރިންވެސް ފަލަސްތީނުގެ ގިނަ ރައްޔިތުން ނަމާދުކޮށް، ހާއްސަކޮށް ހުކުރު ނަމާދަށް ދާ އެ މިސްކިތަށް ދާ މީހުންނަށް ޔަހޫދީ ސިފައިން ހަމަލާދީފައި ވެއެވެ. އަދި ބައެއް ފަހަރު މިސްކިތަށްވެސް ހަމަލާދީ ކަންކަން ކުރެއެވެ.

ނިރުބަވެރިން ޣައްޒާގައި ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާތާ މިހާރު 156 ދުވަސްވެފައިވާއިރު، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެހެން ހިސާބުތަކުގައި ހަމަލާތައް ދީފައިވާ ކަަމަށްވެސް މީޑިއާ ރިޕޯތްތައް ބުނެއެވެ.

މިގޮތުން ތުލްކަރޭމް ސިޓީ އާއި ނަބްލޫސްގެ އިރުމަތީގައި އޮންނަ ބަލަޓާ ކޭމްޕަށް ހަމަލާތައް ދީފައިވާއިރު، ތުލްކަރޭމްގެ ނޫރް ޝަމްސް ކޭމްޕުގައި އިސްރާއީލުގެ އަސްކަރީ ބުލްޑޯޒަރަކަށް ބޮމުގެ ހަމަލާއެއް ދީފައި ވެއެވެ. އަދި ސިފައިން ވަނީ ބެތުލެހެމްގެ އިރުދެކުނުން އޮންނަ ތުކު އަވަށަށް ވަންނަ ދޮރުތައް ބަންދުކޮށްފައެވެ.

ނިރުބަވެރިންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 31،000 އަށް ވުރެ މައްޗަށް އަރާފައެެވެ.