ރަޝިއާގެ ބޮޑު ޑުރޯން ހަމަލާއެއް ޔޫކުރޭނުން ނާކާމިޔާބު ކޮށްލައިފިއެވެ.

ރަޝިއާ އާއި ޔޫކުރޭނުގެ ހަނގުރާމައިގައި ޔޫކުރޭނުން އައު އުކުޅެއްގެ ގޮތުގައި ޑުރޯން ބޭނުން ކޮށްގެން ހަމަލާދޭން ފެށުމާއި އެކީ ހަނގުރާމައިގެ އޮއިވަރު ބަދަލުވެ ރަޝިއާ އަށް ވެސް ވަނީ ހަނގުރާމައިގައި ގެއްލުންތައް ލިބެން ފަށާފައެވެ.

ޔޫކުރޭނުގެ މި އައު އުކުޅުގެ ފައިދާ މާ ގިނަ ދުވަހު ނުނެގި އުޅެނިކޮށް ރަޝިއާ އިން ވެސް ވަނީ އެ ގައުމުގެ އަސްކަރިއްޔާ އަށް ޑުރޯންތައް އިތުރުކޮށް، ހަނގުރާމައިގައި ބޭނުން ކުރަން ފަށާފައެވެ. އަދި ޔޫކުރޭނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދިނުމުގައި ރަޝިއާ އިން ވަނީ އަސްކަރީ ޑުރޯންތައް ބޭނުން ކުރަން ފަށާފައެވެ.

ޔޫކުރޭނަށް ހުޅަނގުގެ ގައުމުތަކުން ދިން އަސްކަރީ އެހީތަކުގެ ތެރޭގައި އެގައުމުން އެންމެ ބޮޑަށް މިހާރު ބޭނުން ކުރަނީ ވައިގެ ދިފާއީ ނިޒާމުތަކެވެ. އެގޮތުން ރަޝިއާގެ ޑުރޯން ހަމަލާތަކުން ރައްކާތެރިވުމަށް މި ދިފާއީ ނިޒާމުތައް ޔޫކުރޭނުން ދަނީ ބޭނުން ކުރަމުންނެވެ.

އެގޮތުން މިދިޔަ ހަފްތާގައި ރަޝިއާއިން ދިން ޑުރޯން ހަމަލާތަކުގެ ތެރެއިން 36 ހަމަލާއެއް ޔޫކުރޭނުގެ ދިފާއީ ބާރުތަކުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. މިދިޔަ ހަފްތާގައި ރަޝިއާ އިން ވަނީ 40 އަށް ވުރެ ގިނަ ޑުރޯން ހަމަލާތައް ޔޫކުރޭނުގެ އަސްކަރީ އަމާޒުތަކަށް ދީފައެވެ.

ޔޫކުރޭނުން ކުރަމުންދާ ދިފާއީ ހަނގުރާމައިގައި އެ ގައުމަށް އަދިވެސް އިތުރު ހަތިޔާރު ބޭނުންވާ ކަމަށް އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ބުނެފައެވެ. އެމެރިކާ އިން ފޮނުވަން އޮތް ހަތިޔާރުގެ ބޮޑު ޝިޕްމެންޓެން ލަސްވުމާއި ގުޅިގެން ޔޫކުރޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޔޫރަޕުންނާއި އެމެރިކާ އިން ޔޫކުރޭނަށް ހަތިޔާރު ލިބުން ލަސްވުމަކީ ރަޝިއާ އަށް ލިބިގެންދާނެ ފައިދާ އެއް ކަމަށް ވެސް ޔޫކުރޭނުން ވަނީ ބުނެފައެވެ

ރަޝިއާގެ ސަރަހައްދީ ސުލްހައާއި މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް ބުނެ ރަޝިއާ އިން ޔޫކުރޭނަށް ހަމަލާދީ އެ ގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު ފަސް ސަރަހައްދެއް އެ ގައުމުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.