ސައިޕްރަސްއިން އައްޒާއަށް ކަނޑު މަގުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފިއެވެ.

ޣައްޒާގައި ވަަރަށް ބޮޑަށް ބަނޑުހައި ހޫނުކަން ވަނީ ކުރިމަތިވެފައެވެ. އެ ސަރަހައްދުގައި އެތައް ބަޔަކު އެހީގެ އިންތިޒާރުގައި ތިބިއިރު، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ދުނިޔެ ދޫކުރާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަލަށް އުފަންވާ ކުދިން ދުނިޔެ ދޫކުރަނީ އުފަންވުމުގެ ބަރުދަން ދަށްވުމުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ވަނީ ބުނެފައެވެ.

ސައިޕްރަސްގައި ހަރަކާތްތެރިވާ އެމެރިކާއަށް ނިސްބަތްވާ ވޯލްޑް ސެންޓްރަލް ކިޗަން ނަމަކަށް ކިޔާ ޗެރިޓީ ޖަމިއްޔާއަކުން ވަނީ 200 ޓަނުގެ ކާބޯތަކެތި ކަނޑުމަގުން ޣައްޒާއަށް އެތެރެކޮށްފައެވެ.

ކަނޑުމަގުން ޣައްޒާއަށް ބަނދަރު ކުރި ކާބޯތަކެތީގެ އެހީގެ ސާމާނު ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީގައި ޓްރަކް ތަކުގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ.

އެއްގަމު މަގުން ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރާ ބޯޑަރުތައް އިޒްރޭލުން ކޮންޓްރޯލް ކުރުމާއެކު ވައިގެ މަގުންނާއި ކަނޑުމަގުން އެހީގެ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.

އދ. އިން ވަނީ 300،000 އެއްހާ މީހުން އުތުރު ޣައްޒާގައި ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި ބަނޑުހައި ކަމުގައި 1.1 މިލިއަން މީހުން ތިބި ކަމަށް ވެސް އދ. އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު