ޕަޕުއާ ނިއުގިނީގެ އުތުރަށް އައި ބިންހެލުމުގައި 5 މީހަކު މަރުވެ 1،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެއެވެ.

އިއްޔެ ހެދުނު 6.9 މެގްނިޓިއުޑްގައި އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 1000 ގެދޮރު ހަލާކުވެފައިވާ ކަމަށް އީސްޓް ސެޕިކްގެ ގަވަރުނަރު އެލަން ބާޑް ވިދާޅުވިއެވެ.

އެގައުމުގެ ސެޕިކް ކޯރުގެ އައްސޭރީގައި ވަށައިގެންވާ ދިހަވަރަކަށް ރަށަށް ކުރިން ވެސް ބޮޑެތި ފެންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ. މި ބިންހެލުން އައި ވަގުތުވެސް އެ ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ޕްރޮވިންސް ޕޮލިސް ކޮމާންޑަރު ކްރިސްޓޮފަރ ތަމަރީ އޭއެފްޕީއަށް ވިދާޅުވީ މި ހާދިސާގައި މިހާތަނަށް 5 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވީ ނަމަވެސް މި އަދަދު "އެއަށްވުރެ ގިނަވެދާނެ" ކަމަށެވެ.

ބިންހެލުމުގެ ފަހުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުވެފައިވާ ލަކުޑި ގެތައް ވަށައިގެންވާ ކަކުލާއި ހަމައަށް ފެންގަނޑު ހުއްޓެވެ.

ސެއިސްމިކް "ރިންގް އޮފް ފަޔަރ" ގެ މަތީގައި އޮންނަ ޕަޕުއާ ނިއު ގިނީގައި ބިންހެލުންތައް އައުމަކީ އާންމު ކަމެކެވެ.

މި ހަފްތާގައި ފެންބޮޑުވުމުން ހާދިސާތަކަށް ކަމާބެހޭ ފަރާތްތަކުން ތައްޔާރަށް ތިބި ކަމަށާއި ބިންހެލުމުގައި އެތައް ސަތޭކަ ގެއެއް ހަލާކުވި އިރު މެޑިކަލް ޓީމުތައް ސްޓޭންޑްބައިގައި ތިބި ކަމަށް ބާޑް ވިދާޅުވިއެވެ.

ބިންހެލުން އައި ސަރަހައްދުގެ މީހުން ގެދޮރު ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ސަރަހައްދުގައި މިހާރު ކާނާ އާއި ސާފު ބޯފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ބިންހެލުން އައިސްފައިވާ ރަށްތަކަށް އެހީތެރިވުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ ގިޑިއަން މާލޯ ބުނީ ކާރިސާގައި އެމީހުންގެ ގެދޮރު ހަލާކުވެގެން ދިޔަތަން ފެނުމުން މީހުން ތިބީ ޝޮކެއްގައި ކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިސްޓަރ މާލޯ ބުނާގޮތުން އޭނާ ޒިޔާރަތްކުރި އެއް ރަށެއްގައި ހަތް ގެއެއް ވެއްޓިފައިވާއިރު އަނެއްބައި ގެތައް ވެއްޓުމުގެ މަގުމަތީގައި ހުރި ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއި ބާރު ވައިގެ ސަބަބުން މި މަހު ޕަޕުއާ ނިއު ގިނީގައި ބޮޑެތި ފެންބޮޑުވުމުގެ ކާރިސާ މެދުވެރިވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މާޗް 18 ވަނަ ދުވަހު ޗިމްބޫ ޕްރޮވިންސަށް އައި ތިން ބިންހެލުމެއްގައި 23 މީހުން މަރުވެފައިވާއިރު، ގަލްފް ޕްރޮވިންސްގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ލެސޭ ކަވޯރާ ވެސް ވަނީ ތޫފާންތަކެއްގެ ސަބަބުން ފެންބޮޑުވެފައެވެ.