ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ބިން އަބްދުﷲ އާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ޔަހޫދީންގެ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ބިމުގައި މިހާރު ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ނިމުމެއް ގެނެއުމަށް ޓަކައި ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އެސްޕީއޭ ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރާއި ސައުދީގެ ހާރިޖީ ވަޒީރުގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ހަމާސް އަދި އިސްރާއީލުން ވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ މުހިއްމު ކަމާއި މެދުގަޔާއި، އަދި ޣައްޒާ އަށް އިންސާނީ އެހީތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރުމާއި މެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ މައްކާ ގައި ބޭއްވި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ވަނީ ސިފަކުރައްވާފައެވެ.

މިއީ ފަލަސްތީނުގެ ބޮޑުވަޒީރު ކަމުގެ މަޤާމާއި މުހައްމަދު މުސްތަފާ މި ދިޔަ މަހު ހަވާލުވެ ވަޑައިގަތް ފަހުން އެމަނިކުފާނު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ އެ ގައުމަށް ބޭނުންވާ އިންސާނީ އެހީތެރިކަން ހޯއްދެވުމަށް އަރަބި ގައުމުތަކަށް ރަސްމީ ދަތުރުފުޅު ތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ހަރުދަނާ ސަރުކާރެއް އެކުލަވާލުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރަނގަޅު ވެރިކަމެއް ހިންގުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުންގެ ލޯއްބާއި އިތުބާރު ފަލަސްތީނުގެ ސަރުކާރުން ހޯދަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.