މިވަގުތު އިރާނަށާއި އިސްރާއީލަށް ދަތުރު ނުކުރުމަށް އިންޑިއާ އިން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވަނީ އެ ސަރަހައްދުގައި މިހާރު އޮތް ހާލަތުގެ ގޮތުން އިތުރު އެންގުމެއް އަންގަންދެން އިރާނަށާއި އިސްރާއީލަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

" މިވަގުތު އިސްރާއީލު ނުވަތަ އިރާނުގައި ތިބި ހުރިހާ ރައްޔިތުންވެސް އަވަހަށް އިންޑިއާގެ އެމްބަސީތަކަށް ގޮސް އެތަންތަނުގައި ރަޖިސްޓްރީ ވުމަށް އެދެން." އެކްސްގައި އާންމު ކޮށްފައިވާ ބަޔާނެއްގައި އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އެ ދެ ގައުމުގައި ތިބި އިންޑިއާގެ ހުރިހާ ރައްޔިތުންވެސް އެމީހުންގެ ރައްކާތެރިކަަމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށާއި ވީހާވެސް ބޮޑަށް ހަރަކާތްތައް މަދުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މި މަހުގެ ކުރީކޮޅު ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު އިރާނުން އިސްރާއީލަށް ހަމަލާ ދޭނެ ކަމަށް އެކި ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

މި މަހުގެ 2 ވަނަ ދުވަހު ސީރިއާގެ ވެރިރަށް ދިމިޝްގު ގައި ހުންނަ އިރާގުގެ ކޮންސިއުލޭޓަށް ދިން ހަމަލާއަށްފަހު އިސްރާއީލާއި އިރާނުގެ ދެމެދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކާއި ސިފައިންތަކެއްވެސްް މަރުވެފައިވާ އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު، އެ ހަަމަލާގެ ރައްދުގައި އިރާނުން ޔަގީނުންވެސް އިސްރާއީލަށް ހަމަލާދޭނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ. އަދި އިރާނުން ހަމަލާ ދީފާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާވެސް އޮތީ އެލާޓްގައެވެ.

އިންޑިއާގެ އިތުރުން ފްރާންސް، ރަޝިއާ އަދި އިނގިރޭސިވިލާތުންވެސް ވަނީ އެ ދެ ގައުމަށް ދަތުރު ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނާ

    ދެންކީއްކުރަން ރިޓަޔަޑް މިޓަރީމީހުން އިޒްރޭލައްއެހީވުމައް ޢައްޒާއަށް ފޮނުވީ