އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެންމެ ބޮޑު ސިޓީ، ދުބާއީގެ ޚިދުމަތްތައް މެދުކެނޑިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ދުބާއީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ދުބާއި އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް ވެސް އެހެން އެއާރޕޯޓަކަށް ޖައްސާާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މަގުތަކުގައި މީހުން ހިނގާ ބިނގާވެ އުޅުން ވަނީ ދަތިކަމަކަށް ވެފަ އެވެ. އެހެންކަމުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނުކުންނަން ސަރުކާރުން ވަނީ އަންގާފަ އެވެ.

ފާއިތުވީ އަހަރުގައިވެސް އެ ގައުމަށް މިވަރަށް ބޯކޮށް ވާރޭ ނުވެހޭ ކަމަށާއި އިއްޔެއިން ފެށިގެން ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފާއިތުވީ 2 އަހަރުވެސް ނުވެހޭ ވަރަށް މިވީ 24 ގަޑިއިރުތެރޭ ދުބާއީއަށް ވަނީ ވާރޭ ވެހިފައެވެ. މި ވިއްސާރައިގެ އަސަރު އޮމާން އަދި އިރާނަށް ކުރުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވިއްސާރައިގައި ފެންބޮޑުވެ ބިމު އަޑީގައި ހަދާފައި ހުންނަ ޕާކިން ލޮޓުތަކުގައި ހުރި އުޅަނދުތައް ފެންގަނޑު ތެރޭ އޮޔާ ދާތަން މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެންދެއެވެ. މީހުން ދިރިއުޅޭ ގެތަކަށް ފެންގަނޑު ވަދެ ހިފާ ގެންގުޅޭ ސާމާނުވެސް ވަނީ ހަލާކުވެފައެވެ. ފިހާރަތަކުގައިވެސް ފެންބޮޑުވެ މުދާތައް ދަނީ ހަލާކުވަމުންނެވެ.

މި ވިއްސާރައަކީ އެ ގައުމުން ކުރިިޔަށް ގެންދާ ކްލައުޑް ސީޑް އޮޕަރޭޝަންތަކާއި ގުޅިގެން ކުރާ ވިއްސާރައެއެ ކަމަށް ބެލެވެއެވެ. ކްލައުޑް ސީޑް ކުރުމަކީ ޖައްވުމުގެ ތެރެއަށް ކެމިކަލް ދޫކޮށްގެން ވިއްސާރަ ވިލާތަކުން ވާރޭ ވެހުން އިތުރު ކޮށްދޭ ކަމަކެވެ. ޔޫއޭއީއިން ކްލައުޑް ސީޑް ކުރަން ފަށާފައިވަނީ ފެނުގެ ރައްކާތެރިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.

 

ދުބާއީގެ މޫސުމަށް ބަލާލާއިރު އާންމުކޮށް ވިއްސާރަކުރާނީ ނޮވެމްބަރ މަހުން ފެށިގެން މާޗްގެ ނިޔަލަށެވެ. އޭޕްރީލްއިން ފެށިގެން އާންމުކޮށް މޫސުން ރަނގަޅުވާނެއެވެ. އެހެންނަމަވެސް ދުބާއީގައި މިހާރު ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަލާމަތީ ފިޔަވަޅު އެޅުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މީގެން އިބުރަތްހޯދާބަލަ މާލޭގަ ފެންބޮޑުވާއިރަށް ވެރިމީހާ މައްސަލަ މީގެންއިގޭއެއްޗަކީ ކިތަންމެ ތަރައްގީޔެއްވިޔަސް ގުދުރަތީކަންތައްތަކަކާ ނުފިލޭނެކަން

  2. ޖަމާލް

    އަދި ހިންދޫން ބޭނުންވާ ފައްޅިތައް އިތުރުކޮށްލާ އޭރުން އިސާހިތަކު ފެނުއަޑިއަށް ގަންބަވާގެންފާނެ