އޮމާނަށް ބޯކޮށް ވާރޭ ވެހި ހިނގި ފެން ބޮޑުވުމުގެ ހާދިސާއެއްގައި ބަހެއް ފުރޮޅާލައި އޭގައި ތިބި ނުވަ ކުޑަކުއްޖަކާއި ނުވަ މީހަކު މަރުވެއްޖެއެވެ.

އޮމާންގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރޫ އަރައިފައެވެ.

ބަސް ދަތުރުކުރަމުން ދަނިކޮށް ބިންގަނޑު ކަނޑައިގެން ގޮސް ބަސް ވެއްޓި ބަހުން ދަތުރުކުރި ބައެއް މީހުން ގެއްލިފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި ބަސް ޑްރައިވަރު ވެސް ވަނީ މަރުވެފައެވެ.

އޮމާން ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް އިދާރީ ޗުއްޓީއެއް ދީފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދު ކަމަށްވާ އަޝް ޝަރުގިއްޔާ އުތުރުގައި ރައްޔިތުންނަށް އެހީތެރިވުމަށް ފުލުހުންނާއި އަސްކަރީ މުވައްޒަފުން ހަރަކާތްތެރިވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އޮމާންގެ އިތުރުން އެކުވެރި އަރަބި އެމިރޭޓްސް، ބަހުރެއިން، ގަތަރު، އަދި ސައުދީ އަރަބިއްޔާއަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ގިނަ ގެއްލުންތައް ލިބިފައެވެ. މަގުތައް ބަންދުވެ ގިނަ ބަޔެއްގެ ގެދޮރުވެސް ވަނި ގެއްލިފައެވެ. ރިޕޯޓްތައް ބުނާގޮތުން ދުބާއީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ދުބާއި އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް ވެސް އެހެން އެއާޕޯޓަކަށް ޖައްސާާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އިންޑިއާގެ ޕާކިސްތާނުގައިވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު