އިރާނުން އެ ގައުމުގެ ވައިގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ރަޝިއާގެ މޮޅު އެސް ޔޫ -32 ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް އެގައުމުގެ ވައިގެ އަސްކަރިއްޔާގައި ހިމަނަަން ނިންމައިފި ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިރާނުގެ އަސްކަރިއްޔާ އިން ރަޝިއާގެ މޮޅެތި ފައިޓާ ޖެޓް ތައް މި ހޯދަނީ އިރާނާއި އިސްރާއީލާ ދެމެދު ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމަށް އަސްކަރީ ގޮތުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އިރާނުގެ ދައުލަތުގެ މީޑިއާ އާއި ހަވާލާދީ އެގައުމުގެ މީޑިއާ ތަކުން ބުނެފައިވަނީ ރަޝިއާގެ މޮޅު އެސް ޔޫ -32 މަރުކާގެ ޖެޓްތައް މިއަންނަ ހަފްތާގައި އިރާނުގެ އަސްކަރިއްޔާ އަށް ރަޝިއާ އިން ފޯރުކޮށްދެން ފަށާނެ ކަމަށެވެ.

ރަޝިއާ އިން މި އަންނަ ހަފްތާގައި އިރާނަށް ފޯރުކޮށްދެނީ ކިތައް އެސް ޔޫ-32 މަރުކާގެ ޖެޓް ކަމެއް އަދި ސާފުނުވާ ކަމަށާއި ނަމަވެސް މުޅި އެކު އިރާނަށް ރަޝިއާ އިން 24 ޖެޓް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ފޯބްސް މަޖައްލާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރަޝިއާ އިން ވަނީ އިރާނުގެ އަސްކަރިއްޔާ އަށް ޔަކް-135 މަރުކާގެ ސަބްސޮނިކް ޓުރައިނަރ ޖެޓްތަކެއް ވެސް ފޯރުކޮށްދީފައެވެ.

ރަޝިއާގެ މޮޅު އެސް ޔޫ-32 އަކީ ރަޝިއާގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން އުފައްދާފައިވާ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާ ބިމުގައިވާ އަމާޒުތަކަށް ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ މޮޅު އަދި އިންތިހާ އަށް ދުވެލި ބާރު ޖެޓެކެވެ.

އެސް ޔޫ-32 މަރުކާގެ ބޯޓުތަކަކީ ދިގު މިނުގައި 21.9 މީޓަރ ހުންނަ އަދި އުސްމިނުގައި 5.9 މީޓަރ ހުންނަ ބޮޑު އަސްކަރީ މަތިންދާ ބޯޓެކެވެ. އަދި މި މޮޅު އަސްކަރީ މަތިންދާ ބޯޓުގައި 8،000 ކިލޯގެ ގޮވާ ތަކެތި އުފުލުމުގެ ޤާބިލްކަން ލިބިގެންވެއެވެ. މި ޖެޓްގައި ރާޑަރ ވާނިންގް ސިސްޓަމަކާއި މިސައިލެއް އަންނަ ކަމުގެ އިންޒާރުދޭ ސިސްޓަމެއްގެ އިތުރުން ލޭޒަރު ހަމަލާއެއް އަމާޒުވުމުގެ ކުރިން ސިގްނަލްދޭ ސިސްޓަމެއް ވެސް ވަނީ ހަރުކޮށްފައެވެ.