ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އެރުމަށް ތައްޔާރަށް ތިބި ކަމަށާއި މިހާރު އިންތިޒާރު ކުރަމުންދަނީ އިސްރާއީލުގެ ސަރުކާރުގެ ކެބިނެޓްގެ ފެހި ސިގްނަލަށް ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ޣައްޒާގެ ރަފަހްގައި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަން ފެށުމުގެ ކުރިން ރަފަހްގައި ތާށިވެފައި ތިބި މިލިއަނެއްހާ ފަަލަސްތީނުގެ ރައްޔިތުން ރައްކާތެރި އެހެން ހިސާބަކަށް ބަދަލު ކުރާނެ ކަމަށެވެ. މިހާރު ވެސް ރަފަހް އިން 150،000 ރެފިއުޖީން އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ހަފްތާތަކުގައި ދެން ތިބި ފަލަސްތީނުގެ ރައްޔިތުން ވެސް އެހެން ހިސާބުތަކަށް ގެންދާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާނީ އާންމުންނަށް ގެއްލުން ނުވާ ގޮތަށް ކަމަށް އިސްރާއީލުގެ ސަރުކާރުން ކުރިން ވަނީ ބުނެފައެވެ. ޔަހޫދީންގެ ސަރުކާރުން މިހެން ބުނެފައި ވަނީ ރަފަހް ގައި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ހިންގައިފި ނަމަ އެތައް ހާސް އާންމު ރައްޔިތުންނެއް ޝަހީދުވެދާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ ގިނަ ގައުމުތަކުން ފާޅުކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ރަފަހް އަށް އަރަން ރާވާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ. އެއީ އެމެރިކާ އިން އިސްރާއީލަށް ކުރަމުންދިޔަ ފިއްތުންތަކާއި ގުޅިގެން ކަމަށް އަސްކަރީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ބުނެފައެވެ.