އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް އެ ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރުމުގެ ގޮތުން ބާއްވާ ނޫސްވެރިންގެ ޑިނާ ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ޣައްޒާގެ ހާލަތާއި ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޖޯ ބައިޑަން ވަނީ ރަނގަޅު ޑިމޮކްރެސީ އެއް ހިނގުމަށް ނޫސްވެރިންގެ ދައުރު ވަރަށް ބޮޑުކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ނޫސްވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް އެމެރިކާގެ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ރައީސް ބައިޑަން ވަނީ ބުނެފައެވެ.

ނަމަވެސް ގިނަ މީހުންނަށް ހައިރާންކަން ގެނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ކަވަރުކުރުމަށް މަސައްކަތް ކުރަމުން ދިޔަ 97 ނޫސްވެރިއަކު ޔަހޫދީން މަރާލާފައިވާ ވާހަކަ ބައިޑަން ނުދެއްކީމައެވެ. ބައިޑަން ވަނީ އޭނާގެ ސުޕީޗް ގައި މި ވާހަކަ ދޫކޮށްލާ އަދި ޣައްޒާގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައެއް ނުވެއެވެ.

މި ހަފްލާ ކުރިއަށް ދިޔަ ވަގުތު އެ ހަފްލާ ބޭއްވި ހޮޓެލްގެ ބޭރުގައި ވެސް ޔަހޫދީ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި މި މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލް ފަލަސްތީނުގެ މައްސަލައިގައި އެމެރިކާގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާފައެވެ. އަދި ރައީސް ބައިޑަންގެ މި ހަފްލާ ބޮއިކަޓް ކުރަން ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ނޫސްވެރިންނަށް ގޮވާލަމުންނެވެ.

ބައިޑެން މި ހަފްލާގައި ގިނަ ވަގުތު ހޭދަކުރީ މި އަންނަ ނޮވެންބަރު މަހު އޮންނަ އެމެރިކާގެ ރިއާސީ އިންތިހާބުގައި އޭނާ އާއި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަށް ޖޯކު ޖެހުމުގައެވެ.