ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެއްޖެނަމަ ލޭއޮހޮރުވުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ދީފިއެވެ.

ގާތްގަނޑަކަށް ހަތް މަސް ދުވަސް ވެފައިވާ ޣައްޒާގެ ގަތުލު އާންމުގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ހިމާޔަތް ހޯދާފައިވާ ރަފަހްގައި ތިބި ހަމާސްގެ ބާކީ ތިބި ހަނގުރާމަވެރިން ރޫޅާލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ ރަފަހްގައި ހިޔާވަހިކަން ހޯދަމުންދާ 1.2 މިލިއަން މީހުންނަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"ޣައްޒާގެ ރަފަހުގައި ފުލް ސްކޭލް އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ސަބަބުން ލޭ އޮހޮރުވުމަށް ގޮސް، މިހާރު ވެސް ހަލާކުވެފައިވާ ސިއްހީ ނިޒާމު އިތުރަށް ބަލިކަށިވެދާނެތީ ޑަބްލިއުއެޗްއޯ އިން ވަރަށް ކަންބޮޑުވޭ،". އެކްސްގައި ކުރި ޕޯސްޓެއްގައި ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ވަނީ "ރަފަހްއަށް އަރައިގަންފިނަމަ އަނިޔާ ލިބިގެން ފަރުވާ ދޭން ޖެހޭ މީހުންނާއި، ޝަހީދުވާ މީހުންގެ އަދަދު އިތުރުވަމުންދާނެތީ، ހަލާކުވެފައިވާ ސިއްހީ ނިޒާމަކާއެކު އެކަމުން އަރައިނުގަނެވޭނެ،". ކަމުގެ އިންޒާރު ދީފައެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ވަށާލާފައިވާ ސަރަހައްދުގެ ގިނަ ސިއްހީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ނޫނީ އެއްކޮށް ވަނީ ހަލާކުވެފައެވެ.

ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ދަނީ 12 ހޮސްޕިޓަލަކެވެ. އަދި 88 ޕްރައިމަރީ ހެލްތް ފެސިލިޓީގެ ތެރެއިން މަސައްކަތް ކުރަމުން ދަނީ 22 ތަނެެވެ.

"ކޮންޓިންޖެންސީ މަސައްކަތުގެ ދަށުން ޑަބްލިއުއެޗްއޯ އާއި ޕާޓްނަރުން ދަނީ ސިއްހީ ހިދުމަތްތައް އަލުން އިއާދަކޮށް އަލުން އާރާސްތު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަމުން،" އެ ބަޔާނުގައި ވެއެވެ.

އަދި ރަފަހްގެ މިހާރު ހިންގަމުން އަންނަ ތިން ހޮސްޕިޓަލް ކަމަށްވާއިރު "އެ ތަންތަން ކައިރީގައި ހަމަނުޖެހުންތައް ވަރުގަދަވެއްޖެ ނަމަ"، މީހުންނަށް އެތަންތަނަށް ނުފޯރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ބަދަލުގައި ޑަބްލިއުއެޗްއޯއިން ދަނީ ދެކުނު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ކައިރީގައި ހުރި ޚާން ޔުނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސް މަރާމާތުކޮށް އިތުރު މެޑިކަލް ސައިޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުގެ މަގުސަދަކީ ހަމާސްގެ ބާކީ ތިބި ހަނގުރާމަވެރިން ނައްތާލުން ކަމަށް ބުނެ، ރަފަހް އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ފާއިތުވި އެތައް ހަފްތާ އަކުއްސުރެ އިސްރާއީލުން ދަނީ ދެމުންނެވެ.

މިދިޔަ ހަފްތާ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ރަފަހް އަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    މިހާރުގޮސްގެންއެއުޅެނީ ލޭބޮވުމަކަށް ދެއްތޯ ؟؟ ކުޅިބަލަންތިޔަތިބެނީ!!

    12
  2. ަޗސޗ

    35000 މީހުން ގައިން ފޭބީ ކަރާފަނިތަ؟

  3. މަޒް

    މިހާރު އެ އޮހޮރަނީ މާމުއިތަ؟ އަޖައިބު ވެދާނެ