ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ވަދެ ތަކެތި ހިފަހައްޓައިފިއެވެ.

ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ހިމެނޭ އަލްޖަޒީރާ، އިސްރާއީލުގައި ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން މިއަދުގެ ވަގުތެއްގައި ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސް ކުރުމާއި އެކީ އަލްޖަޒީރާ އަރަބިކް ވެސް އެގައުމުގައި ދެން ނުފެންނާނެއެވެ.

އެގޮތަށް ފާސް ކުރި ފަހުން އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ ބުނީ މި ސާމާނުތައް ހިފަހައްޓާފައި ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އަލްޖަޒީރާ ބަންދު ކުރަން ފާސްކުރުމާއި އެކީ އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ބުނެފައި ވެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓްކުރާ ގޮތުގައި އަލްޖަޒީރާގެ އަރަބި ބަހާއި އިނގިރޭސި ބަހުގެ ޗެނަލްގެ ބްރޯޑްކާސްޓްތައް އިސްރާއީލުގައި ބްރޯޑްކާސްޓްކުރުން ހުއްޓާލުމަށް އެންގުމުގެ ބާރު ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީއަށް ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން އިސްރާއީލުގައި ހުންނަ އެޤައުމުގެ އޮފީސްތައް ބަންދުކުރުމަށާއި، ޓެލެފޯނާއި ކޮމްޕިއުޓަރު ފިޔަވައި އެތަނުގެ މުވައްޒަފުން ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، އަދި އިސްރާއީލުން އެ ނެޓްވޯކްގެ ވެބްސައިޓަށް ވަނުން ލިމިޓް ކުރުމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓަރަށް ވަނީ އަންގާފައެވެ.