އިސްރާއީލުގައި އަލްޖަޒީރާ މަނާނުކުރުން ފަސްކޮށްދިނުމަށް އިސްރާއީލުގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން އެ ގައުމުގެ ހައިކޯޓުގައި އެދިއްޖެއެވެ.

ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ހިމެނޭ އަލްޖަޒީރާ، އިސްރާއީލުގައި ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ފާސްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިގޮތަށް ފާސް ކުރުމާއި އެކީ އަލްޖަޒީރާ އަރަބިކް ވެސް އެގައުމުގައި ދެން ނުފެންނާނެއެވެ.

އިޒްރޭލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލްޖަޒީރާ ބަންދުކުރަން ސަރުކާރުން ނިންމި ނިންމުން ފަސްކުރުމަށް ވަގުތީ އަމުރަކަށް އެދި އިސްރާއީލުގެ މަދަނީ ހައްގުތަކާ ބެހޭ ޖަމިއްޔާ އިން އިސްރާއީލުގެ ހައި ކޯޓަށް ހުށަހަޅައިފައެވެ.

އަދި މިހާރު ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަލްޖަޒީރާ ސްޓޭޝަންގެ ބްރޯޑްކާސްޓްތައް އިސްރާއީލުގައި ހުއްޓާލާފައިވާ ކަމަށް ސެޓެލައިޓް ފޯރުކޮށްދޭ ގިނަ ކުންފުނިތަކަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ކެބިނެޓުން އެކަން ފާސްކޮށްފައިވަނީ ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުން އަންނަ މި ދުވަސްވަރު އަލްޖަަޒީރާގެ ހުރިހާ އެޑިޝަނެއް ބަންދު ކުރަން ނިންމުމާއި އެކީ އެސަރަހައްދުގައި ހިނގާ އެއްވެސް ކަހަލަ ކަމެއް އަލްޖަޒީރާއަކަށް ދެން ނުދެއްކޭނެއެވެ.

އަލްޖަޒީރާގެ އިސްރާއީލު އޮފީސް ބަންދުކުރުމަށް އިސްރާއީލުން ނިންމި ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޓިމް ޑޯސަން ވެސް މިހާރު ވަނީ ވިދާޅުވެފައެވެ.