އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ހަރީ ކިޝަން ޖިންދަލް ކަސްރަތް ކުރަން ނުކުމެ އުޅެނިކޮށް، ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ އޭނާގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޖިންދާލް އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެ އުޅެނިކޮށް ކޮންޓްރޯލްނުވެ އައި ކާރެއްގައި ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މިހާދިސާ ހިނގީ ދިއްލީގެ ރޯހިނީ ސަރަހައްދުގައެވެ. މިހާދިސާގައި އުމުރުން 62 އަހަރުގެ ޖިންދާލް ވަނީ މަރުވެފައެވެ.

ވަޒީރާބާދުގެ ގާނޫނު ހަދާ މަޖިލީހުގައި މުހިންމު ރޯލެއް އަދާކުރެއްވި އަދި މުނިސިޕަލް ކޯޕަރޭޝަން އޮފް ދިއްލީ( އެމްސީޑީ)ގެ ކުރީގެ ކައުންސިލަރު ޖިންދާލް ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

ދިއްލީ ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ރައީސް ދެވެންދަރ ޔާދާވް އާއި އިސް ލީޑަރުން ވަނީ ޑިސްޓްރިކްޓް ކޮންގްރެސް ކޮމިޓީގެ ކުރީގެ ރައީސް ޖިންދާލް ކުއްލިއަކަށް މަރުވުމުން ހިތާމަ ފާޅުކޮށް ތައުޒިޔާ ވިދާޅުވެފައެވެ. ޔާދާވް ވިދާޅުވީ ޖިންދާލްގެ މަރުވުމުން ދިއްލީ ކޮންގްރެސްއަށް ވަރުގަދަ އަދި ޚިދުމަތްތެރި ލީޑަރެއް ގެއްލިފައިވާ ކަމަށެވެ.

ދިއްލީ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންގާރަ ދުވަހުގެ ހެނދުނު 6:36 ހާއިރު ޕްރަޝާންތު ވިހާރު ޕޮލިސް ސްޓޭޝަންގައި ރޯހިނީގެ ސެކްޓަރ-14 ގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ޕޮލިސް ކޮންޓްރޯލް ރޫމަކަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޖިންދާލް މަރުވިއިރު އޭނަގެ އަންހެނުންނާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އާއިލާއިން ބުނާގޮތުން ޖިންދާލް ހެދުނު ކަސްރަތަށް ގޮސް އުޅުނީ އަބަދުވެސް އަވަށްޓެރިންނާއެކުގައި ކަމަށެވެ. އިއްޔެވެސް އޭނާއާއެކު ދެތިން މީހުން ކަސްރަތަށް ދިޔަ ނަމަވެސް އެކްސިޑެންޓުވިއިރު ޖިންދާލް ކައިރީގައި އެކަކުވެސް ނެތް ކަމަށް އާއިލާއިން ބުނެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގެ ސީސީޓީވީއިން ފެނުނީ ހުދު ކާރެއް އެއްވެސް ކޮންޓްރޯލެއް ނެތި ދުއްވަމުން އައިސް ޖިންދާލްގެ ގައިގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ. އެކްސިޑެންޓުކުރި ކާރު މިހާރު ދެނެގަނެވިފައިވާއިރު އެ ކާރު ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތް ދިއްލީ ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްމަޑޭ ކާނޫ

    މޯޑީ ޜާވައިގެން ކާރުން ހަމަލަދީ ކޮންގްރެސް ލީޑަރުން މަރަމުންދަނީ،

  2. އޭސީޕީ ޕްރަދިމަން

    ދަޔާ! ދާލް މޭ ކުޗް ކާލާ ހޭ!