އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގެ އެންމެ ދެކުނުގައި ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވާ ރަފާހް ސަރަހައްދަށް އިސްރާއީލުން ހަމަލާދޭން ފަށާފައިވާއިރު، ސީއައިއޭގެ ވެރިޔާ ބިލް ބާންސް މިއަދު ނަތަންޔާހޫއާ ބައްދަލުކުރުމަށް އެ ގައުމަށް ދާނެ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ވެސް ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް މީގެ ދެތިން ދުވަސް ކުރިން މިސްރަށް ގޮސްފައެވެ.

އޭނާ އެ ގައުމަށް ދަތުކުރަން ނިންމާފައިވާއިރު، އިސްރާއީލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައް މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމައިފައެވެ. އެ ބައްދަލުވުމުގައި ގަތަރު، އެމެރިކާ، އަދި މިސްރުގެ ވަފުދުތައް ބައިވެރިވާނެއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ރަފާހްއަށް ހަމަލާ ދޭން ފަށައިފާނެތީ، އެމެރިކާއިން ވަނީ ބޮމުގެ ޝިޕްމަންޓެއް އިސްރާއީލަށް ނުފޮނުވައި ލަސްކޮށްފައެވެ. ނަން ހާމަ ނުކުރާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޝިޕްމެންޓް އެމެރިކާއިން ލަސް ކުރީ މިދިޔަ ހަފްތާގެ ތެރޭގައެެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން 34،789 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާތަކުގައި ޣައްޒާގެ އުތުރާއި މެދުތެރެ ވަނީ ސުންނާފަތިކޮށްލާފައެވެ. އެހެންވެ، ހަނގުރާމައިން ފިލަން ޣައްޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެންމެ ދެކުނުގައި އޮންނަ ރަފާހްއަށް ގޮސްފައެވެ.

ރަފާހްއަށް އަރައިފި ނަމަ އިންސާނީ ބޮޑު ކާރިސާއެއް އުފެދި، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެކަން ނުކުރުމަށް ގައުމުތަކުން އިސްރާއީލަށް ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ވަނީ ރަފާހްއަށް އަރަން ނިންމައިފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ދުވަހުން ދުވަހަށް ފުޅާކުރަމުން އަންނައިރު، އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ޣައްޒާގެ އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހު ހުސްކުރަން އަންގާފައެވެ. ރަފާހުގެ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުވަމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އިސްރާއީލުން ވަނީ އަސްކަރީ ޓޭންކަރުތަކުން ރަފާހަށް ވަދެގަނެ އާޓިލަރީ އަދި ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާއަށް އެހީ ވެއްދޭނެ މައި ދޮރުތައް ބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ކާބޯތަކެއްޗާއި ފެނާއި ބޭހާއި ފިއުލް ނުވެއްދި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އދ.ގެ ހިއުމެނިޓޭރިއަން އެއިޑުގެ އޮފީހުން ވަނީ ބުނެފައެވެ.

ރަފާހް ހުސްކުރަން އެންގުމާއެކު އެ ސަރަހައްދުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމީހުންގެ ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށް ދަތުރު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައިސަން

    އިޒުރޭލު ސިފައިން ފަލަޞްޠީނު ރައްޔިތުން މަރާ ހުސްކޮށް އެޤައުމު ހަނަފަސް ސަހަރާއަކަށް ބަދަލު ކުރަމުން ދާއިރު، މިދުނިޔޭގައި މާތް ﷲމުސްލިމުންނަށް ދެއްވާފައިވާ އެންމެ ބޮޑު މުއްސަނދިކަން ލިބިފައިވާ ޢަރަބި ޤައުމުތަކުގެ ވެރިން އެތިބެނީ އަނގައިން ނުބުނެ ކުޅިބަލަން. ހުޅަނގުގެ ޔަހޫދީން ނާއެކު ހީނ ސަމާސާ ކުރަން. އެހެންވީމާ، ބައިނަލް އަޤުވާމީ ޤާނޫނަކަށް ބެލުމެއްނެތި ޣައިރު މުސްލިމުންނަށް މުސްލިމުންނާއި ދޭތެރޭގައި އެމީހުން ބޭނުން ކޮންމެ ގޮތަކަށް ކަންކަން ކުރެވޭނެ ނޫންތޯ

  2. އަހުމަދު އަލިމަނިކު

    ހުސް ފޭކް . ސިއްރުންވެސް އެތައް ކަމެއް ރާވާ . އެހެންވެ ބަންދު ކޮޓަރީގަ ސިއްރު މިޓިން ބާއްވަނީ. އަނިޔާ ވެރިކަމުގެ ހައްދެއް ނެތް ސަރުކާރު ތަކެއް ތީ .