ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާގައި އާންމުން ދިރިއުޅެމުން ދިޔަ އިމާރާތަކަށް ހަމަލާދީ އެއް އާއިލާއެއްގެ 7 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ "ވަފާ"އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ހަމަލާދިފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫންގައި އާންމުން ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ. ނިރުބަވެރިން ދިން ބޮމުގެ މި ހަމަލާގައި އެއް އާއިލާއެއްގެ 7 މީހަކު ޝަހީދުވެފައި ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

އެ ނޫހުން ބުނާ ގޮތުގައި ނިރުބަވެރިންގެ މި ހަމަލާގައި ޝަހީދުވެފައިވަނީ ދެމަފިރިންނާއި އެ މީހުންގެ ފަސް ކުދިންނެވެ.

މި ހަމަލާގެ އިތުރުން ވެސް ނިރުބަވެރި އިސްރާއީލުން މީގެ ދެ ދުވަސް ކުރިން އަރައިގެންފައިވާ އާބާދީގެ ގޮތުން އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހަށް ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. އެގޮތުން ރަފާހުގެ ސަލާހް އަލް-ޑިން ގޭޓް ކައިރީގައި ހުރި ސައިކަލަކަށް ދިން ހަމަލާގައި ދެ މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުކޮށްލި ނަމަވެސް ސީދާ ޝަހީދުކޮށްލި މީހުންގެ އަދަދު އަދި ކަށަވަރުވެފައެއް ނުވެއެވެ.

މިދިޔް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،789 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 78،204 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.