ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން 3 މަސް ދުވަސް ވައްދެން ހިސޯރުކޮށްފައި އޮތް ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލުން 3 ވަނަ ބޮޑު ކަށްވަޅެއް ފެނިއްޖެ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ މެޑިކަލް ޓީމްތަކުން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އަނިޔާވެރިކޮށް އެއްވެސް ރަހުމެއް ނެތި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ކުށެއް ނެތް 49 ރައްޔިތުންގެ ހަށިގަނޑު އެ ކަށްވަޅުން ފެނިފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރިކަން ހަމަ އެކަނި މި ކަށްވަޅުތަކުން ވެސް ފެނިގެންދާ ކަމަށާއި އެ ކަށްވަޅުގައި ޝަހީދުވެފައި ތިބި ބައެއް މީހުން ވަޅުލާފައި ވަނީ ދިރިހުއްޓާ ކަމަށް ވުން ވަރަށް ގާތްކަމަށް ވެސް ފަލަސްތީނުގެ ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ މެޑިކަލް ޓީމުތަކުން ބުނެފައިވަނީ ކަށްވަޅު ފެނުނު ސަރަހައްދުގައި އަދި ވެސް ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވެސް ޔަހޫދީން ޝަހީދުކޮށްލާފައިވާ އިތުރު މީހުންގެ ހަށިގަނޑުތައް ފެނުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

" ޔަހޫދީންގެ މި ލާއިންސާނީ އަނިޔާވެރި އަމަލު އަހަރެމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ޔަހޫދީން މައްޔިތުންނަށް އެއްވެސް އިހްތިރާމެއް ނެތި ބޮޑެތި ކަށްވަޅުތަކަށް އަޅާލަނީ އެއްވެސް ކުލުނެއް ރަހުމެއް ނެތި. މި އަނިޔާވެރިކަން ނިމެން ޖެހޭ. ފަލަސްތީނުގެ ރައްޔިތުން މި ގޮތަށް ޝަހީދުކުރެވިގެން ނުވާނެ" ޣައްޒާގެ ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި 3 މަސް ދުވަސް ވައްދެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިންގި އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ފަހު ޔަހޫދީން އެތަން ދޫކޮށް ދިޔަ ފަހުން އެ ހޮސްޕިޓަލުގެ ކޮމްޕައުންޑުން މިހާތަނަށް ވަނީ 7 ކަށްވަޅު ފެނިފައެވެ. އަދި ކޮންމެ ކަށްވަޅެއްގައި ވެސް އަނިޔާވެރިކޮށް ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އެތައް ރައްޔިތުންގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ މި ފަދަ އަނިޔާވެރި ޖަރީމާތަކުގެ ޒިންމާ އެމެރިކާ އާއި ބައިނަލް އަޤްވާމީ މުޖުތަމައު އިން ނަގަން ޖެހޭނެ ކަމަށާއި އަދިވެސް ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އަށް އެމެރިކާ އިން ހަތިޔާރު ފޯރުކޮށްދެމުން ދާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނީސާ

    ޙިޓްލަރަށްވުރެވެސް ނުބައިކަން ދައަކަމުން ދާ ބައިގަނޑެއްނު ތިޔައީ އެކަމަކު އެމެރިކާ ލޯކަނުވެ ކަންފަތް ބީރުކަމަށް ހަދައިގެން . ޔާ ﷲ ޔަހޫދީންގެ އަނިޔާ ވެރިކަމުން ގަލަސްޠީނު ރައްޔަތުން ސަލާމަތް ކުރައްވާނދޭވއ. އާމީން

    17