ފަލަސްތީނުގެ ޣައްޒާގައި އަވަށެއް ކަމަށްވާ ރަފަހްގައި އޮންނަ ރަފަހް ބޯޑަރ ކުރޮސިން އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ވަނީ ހިފާފައެވެ. އަދި މިހާރު އެ ބޯޑަރ ކުރޮސިންގެ މުޅި ކޮންޓްރޯލް އޮންނަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ދަށުގައެވެ.

ރަފަހް ބޯޑަރު ކުރޮސިންގް އަކީ ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އޮތް ހަމަ އެކަނި އެއްގަމު ދޮރެވެ. ޣައްޒާ ވަށައިގެންވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލެވެ. ދެން ޖެހިގެން އުތުރަށް އޮންނަނީ މިސްރެވެ. އެހެންކަމުން ޣައްޒާ އަށް އެހީގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުންނާއި އިންސާނީ އެހީދޭ ޖަމިއްޔާތަކުން ދޭ ހުރިހާ އެހީގެ ސާމާނުތަކެއް ވަންނަނީ މި ބޯޑަރު ކުރޮސިންގް އިންނެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ސާފު ބޯފެނާއި ކާނާ ވެސް ދެން ޣައްޒާ އަށް ނުވެއްދޭނެ ކަމަށް އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ވަނީ ބުނެފައެވެ.

ޣައްޒާގެ ސިއްހީ ނިޒާމު ދެމެހެއްޓުމަށް ބޭނުންވާ މުހިއްމު ސިއްހީ އާލާތްތަކާއި ބޭސްތައް ޣައްޒާގެ ހޮސްޕިޓަލް ތަކަށް ބޭރުގެ ޖަމިއްޔާތަކުން ފޯރުކޮށްދެނީ މި ކުރޮސިންގް ބޭނުން ކޮށްގެނެވެ. ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާ އަށް ކޮންމެހެން ބޭނުންވާ ސިއްހީ އާލާތްތަކާއި ސާމާނުތައް ވެއްދުމަށް ވެސް ހުރަސް އަޅާފައެވެ.

މީގެ އިތުރުން ޣައްޒާ އަށް 6 މަސް ދުވަސް ވަންދެން ޔަހޫދިން ދިން ހަމަލާތަކުގައި ޣައްޒާގެ މުޅި ސިއްހީ ނިޒާމު ހަލާކު ކޮށްލާފައި ވުމުން ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޒަހަމްވާ ފަލަސްތީނުގެ ރައްޔިތުން އިތުރު ފަރުވާ އަށް އެހެން ގައުމުތަކަށް ވެސް ފޮނުވަނީ ރަފަހް ބޯޑަރ ކުރޮސިންގެ މެދުވެރިކޮށެވެ. ނަމަވެސް ޔަހޫދީންގެ އަސްކަރިއްޔާ އިން އެ ކުރޮސިންގެ ކޮންޓްރޯލް ނެގުމުން މިހާރު އެ ދޮރު ވެސް ވަނީ ބަންދުވެފައެވެ. މިހާރު ޣައްޒާގައި ޒަހަމްވާ މީހުންނަށް އިތުރު ފަރުވާ އަށް އެހެން ގައުމަކަށް ފޮނުވޭނެ އެއްވެސް ގޮތެއް ނެތެވެ.

މީގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުން ސަލާމަތް ވުމަށް ޓަކައި ޣައްޒާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރާ ފަލަސްތީނުގެ ރައްޔިތުން ވެސް ބޭނުން ކުރަނީ މި ބޯޑަރު ކުރޮސިންގް އެވެ.

މި ހުރިހާ ސަބަބުތަކާއި އެކީ ރަފަހް ބޯޑަރ ކުރޮސިންގް ވެފައިވަނީ ޣައްޒާ ދިރިހުރުމުގެ ލޭނާރަށެވެ. ނަމަވެސް އަނިޔާވެރި ޔަހޫދީން މިހާރު މި ވަނީ މި ލޭނާރުވެސް ބުރިކޮށްލާފައެވެ.