ޣައްޒާއަށް އިންސާނީ އަދި ސިއްހީ ސާމާނު އެތެރެވުން މުޅިން ހުއްޓިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ އިސްރާއީލުން ރަފާ ކްރޮސިން ބަންދުކޮށްފައިވާއިރު، ޣައްޒާގެ ހޮސްޕިޓަލްތަކުގައި އޮޕަރޭޓް ކުރަން ތެޔޮ ހުރީ ހަމައެކަނި ކުރިއަށް އޮތް ދެތިން ދުވަހަށްވާ ވަރަށް ކަމަށެވެ.
ހާރިސް ވިދާޅުވީ ޣައްޒާއަށް އިންސާނީ އަދި ސިއްހީ ސާމާނު އެތެރެވުން މުޅިން ހުއްޓިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރީ މިއަދު ތެޔޮ ޑެލިވަރީ ކޮށްދޭނެ ކަމަށް. އެކަމަކު ނާދޭ، އެހެންވީމަ އުތުރުގައި އަޅުގަނޑުމެންގެ ބައެއް ހަރަކާތްތައް މެދުކަނޑާލަން ޖެހުނީ އެ ތެޔޮ ހޮސްޕިޓަލްތަކަށް ރިޒާވް ކުރަން ބޭނުންވާތީ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް." " އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އޭނާ ވަނީ ބަލިތައް ފެތުރުމަކީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ރަނގަޅަށް ކާން ނުލިބި އަނަރޫފަވެފައިވާ ކުދިންނަށް "މަރުގެ އަދަބަކަށް" ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
"އިންސާނުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިކަން ކުރިއަށް ގެންދަން ފުރުސަތެއް ދީގެން ނުވާނެ. ޕްލީޒް، މިހާރު ހަނގުރާމަ ހުއްޓާލާ،" ހާރިސް ވިދާޅުވިއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ސާފު ބޯފެނާއި ކާނާ ވެސް ދެން ޣައްޒާ އަށް ނުވެއްދޭނެ ކަމަށް އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ވަނީ ބުނެފައެވެ.

ޣައްޒާގެ ސިއްހީ ނިޒާމު ދެމެހެއްޓުމަށް ބޭނުންވާ މުހިއްމު ސިއްހީ އާލާތްތަކާއި ބޭސްތައް ޣައްޒާގެ ހޮސްޕިޓަލް ތަކަށް ބޭރުގެ ޖަމިއްޔާތަކުން ފޯރުކޮށްދެނީ މި ކުރޮސިންގް ބޭނުން ކޮށްގެނެވެ