އިންޑޮނޭޝިއާގެ ހުޅަނގު ޖާވާގައި އޮންނަ ސުމަޓްރާއަށް ދާދި ދެންމެއަކު ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގެ ބާރު، މެގްނިޓިއުޑް މިންގަނޑުން 5.0 އަށް އަރާކަމަށް އިދާރާތަކުން ބުނި ނަމަވެސް، އެ ބާރުމިން ފަހުން ވަނީ 4.4 އަށް ދަށްކޮށްފައެވެ. މި ބިންހެލުން އައިސްފައި މިވަނީ އިންޑޮނޭޝިއާއަށް މެގްނިޓިއުޑް މިންގަނޑުން 5.1 ގެ ބާރުމިނުގައި ބިނެހެލުމެއް އައިތާ ދޮޅުގަޑިއެއްހާއިރު ވެސް ނުވަނީހެވެ. ސުމަޓްރާއަށް އައި ބިންހެލުމުގައި އެރަށަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

މި ބިންހެލުންތަކާއި ގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރެއް އަދި ނެރެފައި ނުވެއެވެ. ނަމަވެސް އިންޑޮނޭޝިއާއަށް ޖެހިޖެހިގެން ބިންހެލުންތައް އަންނަމުންދާ މި ދަނޑިވަޅުގައި، ސުނާމިއެއް އުފެދިދާނެކަމަށް ސަމާލުވެތިބުމަށް އިދާރާތަކުން ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

އުތުރު ސުމަޓްރާއަށް މިއަދު ބިންހެލުމެއް އައިސްފައި މިވަނީ، އިއްޔެ އެޤައުމުގެ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވޭސީއަށް މެގްނިޓިއުޑް މިންގަނޑުން 7.4 ބިންހެލުމެއް އައިސް އެރަށަށް ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. އެ ކާރިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 400 އާއި ގާތްކުރެއެވެ. ސުލަވޭސީއަށް މިއަދު ވެސް ދަނީ ހުއްޓުމެއް ނެތި ބިންހެލުންތައް އަންނަމުންނެވެ.

މިއަދު ބިންހެލުން އައި ސުމަޓްރާއަށް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެގްނިޓިއުޑް މިންގަނޑުން 9.2 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމުގައި ރާއްޖެ ހިމެނޭގޮތަށް ޖުމްލަ 13 ޤައުމަކުން 260000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 120000 އަށްވުރެ ގިނަ އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.