އެމެރިކާ އަށް 2001 ވަނަ އަހަރު ސެޕްޓެމްބަރ 11 ވަނަ ދުވަހު ދިން ވަރުގަދަ ނިރުބުވެރި ހަމަލާ ދިނުމުގައި ބައިވެރިވި މުނީރު އަލް-މުޠަސައްދިގު މިނިވަން ކޮށްފިއެވެ.

އުމުރުން 44 އަހަރުގެ މުނީރަކީ އެމެރިކާ އަށް ދިން ވައި ފޭރުމުގެ ހަމަލާ އަށް ބޭނުންވާ ފައިސާ ޚަރަދު ކުރި މީހެކެވެ. ފްލައިޓްތައް ހައިޖެކް ކުރި މީހުންނަށް މުނީރު ވަނީ އެތައް ދުވަހެއް ކުރިން ފައިސާ ފޮނުވަން ފަށާފައެވެ. އެހަމަލާ ދިނުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރު ކުރުމަށް ވެސް މުނީރު ޚިޔާލުތައް ދީފައި ވެއެވެ.

3000 އާއި ގާތް ކުރާ އަދަދެއްގެ މީހުން މަރުވި ހާދިސާގައި މުނީރުގެ ބައިވެރިވުން އޮތް ކަން ސާބިތުވެ އޭނާ ޖަލަށް ލުމަށް ޙުކުމް ކުރީ 2007 ވަނަ އަހަރު އެވެ. ނަމަވެސް 2001 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ހައްޔަރު ކޮށްފައެވެ. އޭނާގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ޙުކުމެކެވެ. މުނީރުގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ޖަރުމަންވިލާތުގައެވެ. އެމެރިކާ އަށް ހަމަލާ ދިން އިރު ވެސް އޭނާ ދިރިއުޅެމުން އައީ ޖަރުމަންވިލާތުގައެވެ.

ޖަރުމަންވިލާތުގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން އައި މުނީރު މިނިވަން ކުރުމަށް ފަހު އޭނާ މޮރޮކޯ އަށް ޑީޕޯޓް ކޮށްލުމަށް ޖަރުމަންވިލާތުން ވަނީ ނިންމާފައެވެ. މޫނިރަކީ މޮރޮކޯ މީހެކެވެ. މުނީރުގެ އަނބިމީހާ އާއި ދަރިފުޅު މިހާރު ވެސް ދިރިއުޅެމުން ގެންދަނީ މޮރޮކޯގައެވެ.

މުނީރު މިނިވަން ކުރަން ނިންމީ ޙުކުމުގެ ބޮޑު ބައި އޭނާ ތަންފީޒު ކޮށްފައި ވާތީއެވެ.

މުނީރު މޮރޮކޯ އަށް ފޮނުވާލަނީ މިނިވަނެއްގެ ގޮތުގައެވެ. އޭނާ މޮރޮކޯގައި އެއްވެސް ޙުކުމެއް ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭނާގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން މޮނީޓާ ކުރަމުން ގެެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު