ގްރީސް އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 12 ބިންހެލުމެއް އަތުވެއްޖެއެވެ.

މީގެ ތެރެއިން ދެބިންހެލުމް ރޭދަންވަރު ގްރީސްގެ ގަޑިން 1:54 ގައި އައީ 6.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ދެން އައިސްފައި ވަނީ އެއަށް ވުރެ ބާރުދެރަ ބިންހެލުންތަކެކެވެ.

ގްރީސް އަށް އައި ބިންހެލުމުގެ ލޮޅުން އެގައުމާއި އަވައްޓެރި އަލްބޭނިއާ އާއި އިޓަލީ އަށް ވެސް ކުރިއެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ގްރީސްގެ ހުޅަނގުދެކުނު އައްސޭރިފަށުގައި އޮންނަ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްކަމުގައިވާ ޒަންޓޭއަށެވެ. ބިންހެލުމުގެ ސަބަބުން ޒަންޓޭގައި ތިބި ތިން މީހުންނަށް އެކި ވަރުގެ އަނިޔާތަށް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ބިންހެލުން އައި ސަހަރައްދުގެ ލޮނުގަނޑު 20 ސެންޓިމީޓަރަށް އުފުލުނެވެ. ސުނާމީއެއްގެ އިންޒާރު ޔޫރަޕިއަން އާރތް ކްއޭކް އެޖެންސީ (އިއެމްއެސްސީ) އިން ދިން ނަމަވެސް މިހާރު ވަނީ އިންޒާރު އުވާލާފައެވެ.

ގްރީސްގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ސްޕޯކްސް ޕާސަން ވިދާޅުވީ ބިންހެލުމުގެ ސަބަބުން ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރިޕޯޓުތަށް ބުނާގޮތުން ބިންހެލުންތަކުގެ ސަބަބުން ގްރީސްގެ ޒަންޓޭގެ ސިޓީއެއްކަމަށްވާ ޒަކިންތޮސްއިން ވަނީ ކަރަންޓު ކެޑިފައެވެ.

ގްރީސްއަށް ގިނަ ބިންހެލުންތަކެއް އައިސްފައިވާއިރު ގްރީސް އަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ.