ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ހަމަލާ ދޭން ފެށުމުން ޣައްޒާގެ ޖަމާޢަތްތަކުން ހަމަލާތައްދީ މަސްރަހު ގޯސްވެފައި ވަނިކޮށް މިސްރު އިސްވެ އޮވެ ފެށި މަޝްވަރާތަކުގައި މިހާރު ހަމަލާ ބަދަލު ކުރުން ހުއްޓާލަން ފަލަސްތީނުގެ ޖަމާޢަތްތަކުން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް ހަމަލާ ބަދަލު ކުރުން ހުއްޓާލަން އިސްރާއީލުން ދެކޮޅު ހަދަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"އަލްޖަޒީރާ" އިން ބުނީ ހަމަލާތައް ހުއްޓާލަން ހަމާސް ޖަމާޢަތާއި އަދި އެހެނިހެން މުޖާހިދުންގެ ޖަމާޢަތްތަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން ބޭނުންވަނީ ހަމަލާތައް ކުރިއަށް ގެންދަން ކަމަށެވެ.

ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމައި މެދު މަޝްވަރާތައް ކުރިއަށްދާކަން އިސްރާއީލްގެ އޮފިޝަލުން ވެސް ވަނީ މީޑިއާ އަށް ކަށަވަރު ކޮށްދީފައެވެ.

ހަމާސް ޖަމާޢަތުން ބުނީ އިސްރާއީލްގެ އަނިޔާވެރި ހަމަލާތައް ހުއްޓާލައިފިނަމަ ހަމާސްގެ ހަމަލާތައް ވެސް ހުއްޓާލަން ތައްޔާރަށް އޮތް ކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގެ މުޖާހިދުން ވަނީ އިސްރާއީލަށް 400 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. އަދި މޯޓަރު ބޮމުގެ ހަމަލާތައް ވެސް ވަނީ އިސްރާއީލަށް ދީފައެވެ. އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި މަދުވެގެން ހަތް މީހަކު ވަނީ ޝަހީދު ވެފައެވެ.

މިއީ 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާގައި ކުރި ހަނގުރާމަ އަށް ފަހު ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ޣައްޒާގެ މުޖާހިދުންނާއި އިސްރާއީލާއި ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް ހުއްޓުވުމަށް މިސްރުގެ އިތުރުން އދ.އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.