އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި ރޯވި އަލިގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި މިހާތަނަށް 76 މީހުން މަރުވެ 1300 މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކެލިފޯނިއާގެ އަލިފާން ނިއްވާ އޮފިޝަލުން ބުނާ ގޮތުގައި، އަލިފާންގަނޑު ފެތުރުމުގެ ސަބަބުން މަރުވި މީހުން އަދަދާއި ގެއްލުނު މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

މި ބިޔަ އަލިފާން ގަނޑުގެ 60 އިންސައްތަ ނިއްވާލާފައިވާއިރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުޅި ކެލިފޯނިޔާ އިން 230،000 އޭކަރުގެ ސަރަޙައްދެއްވަނީ މުޅިން އަނދާފައެވެ. މިއީ، އެމެރިކާގެ އެންމެ ބޮޑެތި ސަރަޙައްދުތަކުގެ ތެރޭގައި ގުނާލެވޭ ޗިކާގޯ އާއި ބޮސްޓަން އެއްކޮށްލުމުން ވާވަރެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި މިއަދުވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ގަނޑުގައި މިހާތަނަށް 12000 އަށް ވުރެން ގިނަ އިމާރަތް ވަނީ މުޅިން އަނދައިގެން ގޮސްފައެވެ. މީގެ އިތުރުން 50000 އަށް ވުރެން ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައެވެ.

އަލިފާނުގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކެލިފޯނިޔާގެ ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.

ކެލިފޯނިއާގެ ޖަންގަލީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އެމެރިކާގެ ކަމާބެހޭ ވުޒާރާތަކުން ބުނެއެވެ.

މިއީ ކެލިފޯނިއާގެ ތާރީޚްގައި ވެސް ރޯވެފައިވާ އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު އަލިފާންގަނޑު ކަމަށް ކެލިފޯނިއާގެ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު