ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރާ ގުޅިގެން އަދިވެސް ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އޭނާ މަރާލި ގޮތާއި، އެއަށްފަހު ޢަމަލު ކޮށްފައިވާ ގޮތްތަކާ ބެހޭގޮތުން، އެކި ޤައުމުތަކުގެ އެކި ފަރާތްތަކުން ދަނީ އެކި ވާހަކަތައް ދައްކަމުންނެވެ.

މިކަމާ ގުޅިގެން، ތުރުކީގެ "ހުއްރިއްޔަތު" ނޫހުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޚަޝޯޤީ މަރާލުމަށްފަހު ކޮންސިއުލޭޓުގެ ތެރެ ސާފުކުރުމަށްވަނީ ފޮރެންސިކްސް ދާއިރާގެ ތަޖުރިބާކާރެއް ގެނެސްފައެވެ. އަދި، މި މީހާ، ޚަޝޯޤީގެ ގައިން ލޭ ނެގުމަށްފަހު ކޮންސިއުލޭޓު އިމާރާތުގެ ފާޚާނާތަކުގެ ތެރެއަށް އެޅިކަމަށްވަނީ ހާމަކޮށްފައެވެ.

ތުބައިގީ

އެނޫހުން ބުނެފައިވާ ގޮތުގައި މިކަމަށް ގެނައި ފޮރެންސިލް ތަޖުރިބާކާރަކީ ޞަލާހް މުޙައްމަދު ތުބައިގީ ނަމަކަށް ކިޔާ މީހެކެވެ. މީނާ ގެނެސްފައިވަނީ ޚަޝޯޤީ މަރާލުމުގެ ކަންތައްތަކުގެ ހެކި ނައްތާލުމަށްކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން، ނޫސްވެރިޔާގެ ގުނަވަންތައް ވަކިކުރުމުގެ ކުރިން، އޭނާގެ ނާރުތަކުން ލޭ ދެމުމަށްފަހު އެއެއްޗެހި ވަނީ ފާޚާނާ ނިޒާމުގެ ތެރެއިން ދުއްވާލާފައެވެ.

ޚަޝޯޤި މަރާލާފައިވާ ދުވަހަކީ އޮކްޓޯބަރ ދެވަނަ ދުވަހެވެ. ހަމަ އެދުވަހު، މި މީހާ އިސްތަންބޫލު އެއަރޕޯޓުގައި ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއްވަނީ އާއްމުކޮށްފައެވެ. މީގެއިތުރުން، އޭނާގެ އަތުގައި އަޅާފައި އޮތް އެޕަލްގެ ސްމާޓް ވޮޗް އިން ނަގާފައިވާ އޯޑިޔޯ ކޮޅެއްވެސް، މިކަމުގައި އޭނާގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭ ކަމަށް ހުއްރިއްޔަތު ނޫހުން ބުނެފައިވެއެވެ.

ތުބައިގީ އަކީ ސައުދީގެ އިންޓީރިޔާ މިނިސްޓްރީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާއަކީ 2004 ވަނަ އަހަރު ގްލާސްގޯ ޔުނިވާސިޓީ އިން ޕެތޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.