އަލިފާން ފަރުބަދައެއް ގޮވާ ކަނޑު އަޑިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާ އަށް އެރި ސުނާމީގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމަށް ޑްރޯން ބޭނުން ކުރަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ޑްރޯންގެ އިތުރުން ކުއްތާ އަދި ވެހިކަލްތަށް ދަނީ މީހުން ހޯދުމާއި ސަލާމަތް ކުރުމުގައި ބޭނުން ކުރަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ސުނާމީގައި ކުރިން ގެއްލުން ނުލިބޭ ކަމަށް ލަފާކުރި ހިސާބުތަކަށް ވެސް ވަނީ ރާޅުގެ އަސަރުކޮށްފައި ކަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވެދާނެ ކަމަށެވެ.

ބާރުގަދަ ސުނާމީގައި މިހާތަށް މަރުވި މީހުންގެ އަދަދު 429 އަށް އަރާފައިވާ ކަމަށް އިންޑޮނޭޝިއާގެ ޑިޒާސްޓާ ސެންޓަރުން ބުނެފައިވާއިރު ސުނާމީއަށް ފަހު އަދިވެސް 150 މީހުން ވަނީ ގެއްލިފައެވެ.

ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ސުންޑާ ސްޓްރިޓް އަށް އެރި ސުނާމީގެ ސަބަބުން 1400 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސުނާމީގެ އަސަރު ކުރި މީހުންގެ ތެރޭގައި ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރަން އިންޑޮނޭޝިއާ އަށް ގޮސް ތިބި ފަތުރުވެރިން ވެސް ހިމެނެއެވެ.

މިހާރު ވެސް އިންޑޮނޭޝިއާގެ ގިނަ އަދަދެއްގެ އަލިފާން ފަރުބަދަތަކުން އަލިފާން ފައިބަމުން އަންނާތީ ކުރިއަށް އޮތް ދެތިން ދުވަހު އިތުރު ސުނާމީ އުފެދުމުގެ ނުރައްކާ އެބައޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން އަދިވެސް އައްސޭރި ފަށުގެ ސަރަހައްދުތަކަށް މީހުން ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އިއްޔެ ވަނީ ފަސް އަހަރު ފިރިހެން ކުއްޖަކު ދިރިހުއްޓާ ސަލާމަތް ކޮށްފައެވެ. މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާޢަތްތަކާއި އެކި ގައުމުތަކުގެ އޮފިޝަލުން ވެސް ދަނީ ބައިވެރިވަމުންނެވެ.