އެމެރިކާގެ ދެވަނަ އަށް އެންމެ ގިނަ ޓީޗަރުން މަސައްކަތް ކުރަމުން އަންނަ ލޮސްއެޖެންލިސް އާއި ކެލިފޯނިއާގެ 30000 ޓީޗަރުން މަސައްކަތް ހުއްޓާލާ، މުސާރަ ބޮޑުކޮށްދިނުން އެދި މުޒާހަރާއަށް ނިކުމެއްޖެއެވެ.

މިއީ ފާއިތުވި 30 އަހަރު ތެރޭގައި އެމެރިކާގެ ޓީޗަރުން އިހްތިޖާޖެއް ކުރާ ފުރަތަމަ ފަހަރެވެ. ޓީޗަރުން މަސައްކަތް ހުއްޓާލުމުން އެކަމުގެ އަސަރު ބައި މިލިއަން ކިޔަވާ ކުދިންނަށް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިއްޔެ ވާރޭ ވެހެމުން ދަނިކޮށް ލޮސް އެންޖެލިސްގެ މަގުތަކަށް ޓީޗަރުންނާއި ޔޫނިއަންގެ އެކްޓިވިސްޓުން ނިކުމެ ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށް ދިނުމަށް ސަރަހައްދީ ސަރުކާރަށާއި މައި ސަރުކާރަށް ގޮވާލާފައެވެ. ޓީޗަރުން ޑިމާންޑް ކުރަމުން ދަނީ މިހާރު ޓީޗަރުންނަށް ލިބޭ މުސާރައަށް ވުރެ 6.5 އިންސައްތައިގެ ކުރިއެރުމެއް ޓީޗަރުންގެ މުސާރައަށް އިތުރު ކޮށްދިނުމަށެވެ.

މުސާރަ ބޮޑުކޮށްދިނުމުގެ އިތުރުން ސްކޫލްތަކަށް ލައިބްރޭރިއަނުންނާއި، ކައުންސިލަރުންނާއި ސަޕޯޓް ސްޓާފުން ހަމަކޮށްދިނުމަށް ވެސް ޓީޗަރުން ވަނީ ގޮވާލާފައެވެ.

ޓީޗަރުން ފަށާފައިވާ އިހްތިޖާޖަށް ތާއިދު ކުރާކަމަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ބުނެފައެވެ. ސެނެޓްގެ ތެރެއިން ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ސެނެޓްގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައި އެމެރިކާ ސަރުކާރުން ސަރުކާރު ސްކޫލްތަކަށް އެކަށީގެންވާ ބަޖެޓެއް ނުދޭ ކަމަށް ބުނެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް އެފަރާތްތަކުގެ ޝަކުވާތަކަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.

އެމެރިކާގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން ދަނީ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވަމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާ އަށް ކައިރި މުސްތަގުބަލެއްގައި ގެއްލުންތައް ލިބެންފަށާނެ ކަމަށް ވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    މިއައް ވުރެން މާމުހިއްމު ވެނިޒުއޭލާ ގެ ވެރިކަން ވެއްޓުން. ޖޯކުމެރިކާ