މެކްސިކޯގެ ކުރީގެ ރައީސް އެންރިކް ޕެންއާ ނިއާޓޯ އަށް އެންމެ ބޮޑު ޑްރަގްލޯޑުގެ ގޮތުގައި ފާހަގަ ކުރެވޭ ވާކީން ގަޒްމަން އެލް ޗާޕޯ ރިޝްވަތުގެ ގޮތުގައި 100 މިލިޔަން ޑޮލަރު ދީފައިވާކަމަށް މީހަކު ބުނެފިއެވެ.

މެކްސިކޯގެ ރައީސްކަން 2012 އިން މިދިޔަ އަހަރުގެ ނިޔަލަށް އަށް ކުރެއްވި އެންރިކް އަށް ރިޝްވަތު ދިން ކަން އެންގިފައިވަނީ ޗާޕޯގެ ގާތް މީހަކު އެމެރިކާގެ ނިއުޔޯކު ކޯޓަކަށް ދިން ހެކިތަކުގެ ތެރެއިންނެވެ.

އޭނާ ބުނީ ރިޝްވަތުގެ ގޮތުގައި 250 މިލިޔަން ޑޮލަރު ހޯދުމަށް ކުރީގެ ރައީސް އެންރިކް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު މިފަހަރު އާންމުވި ހެކިތަކާއި ގުޅޭގޮތުން އެންރިކް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

މެކްސިކޯގެ ކުރޯގެ ރައީސް އެންރިކްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ރިޝްވަތުގެ ޑޮލަރު ނެގިކަމުގެ ތުހުމަތު ކުރެވިފަ އެވެ. ނަމަވެސް އެކަން އޭނާ ވަނީ ދޮގުކޮށްފަ އެވެ.

މި ޑޮލަރުތަށް ކުރީގެ ރައީސް އެންރިކް އަށް ހަވާލުކުރީ ޗާޕޯގެ ގާތް އެކުވެރިއެއް މެދުވެރިކޮށް 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، މެކްސިކޯ ސިޓީގައި ކަމަށް ހެކިވެރިޔާ ބުނެ އެވެ.

އުމުރުން 61 އަހަރުގެ އެލް ޗަޕޯއާއި ދެކޮޅަށް އެމެރިކާއިން ހިންގާ މި ޝަރީއަތް ހަތަރު މަހެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭން އާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ސިނަލޯއާ ކާޓެލްގެ ވެރިޔާ އެލްޗަޕޯ އެމެރިކާ އަށް ގެންދިޔައީ 2017 އަހަރުގެ ޖަނަވަރީ މަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.