އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ މީގެ ހަތަރު އަހަރު ކުރިން ގުޅުނު އުމުރުން 19 އަހަރުގެ ޝަމީމާ ބޭގަމް ސީރިޔާގައި ވިހައިފިއެވެ.

ސީރިއާގައި ވިހަން ބޭނުން ނުވާތީ، ޝަމީމާ ވަނީ ބަނޑު ބޮޑުވުމާއެކު އެނބުރި އިނގިރޭސވިލާތަށް ދިޔުމަށް މަސައްކަތް ކޮށްފައެވެ. އައިއެސްއާއި ގުޅުމަށް އަމިއްލަ ގެދޮރާއި ވަޒަން ދޫކޮށް ޅައުމުރުގައި ސީރިޔާއަށް ފިލައިގެން ދިޔަ އިނގިރޭސިވިލާތުގެ އަންހެން ކުއްޖެއްގެ ކަމަށްވާ ޝަމީމާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.

ސްކައި ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާއާއި ޝަމީމާގެވެސް ހާލު ރަނގަޅެވެ. އުމުރުން 15 އަހަރު ސްކޫލް ކުއްޖެއްގެ ގޮތުގައި އައިއެސްއާ ގުޅުމަށް ސީރިޔާއަށް ދިޔަ ޝަމީމާގެ ލޯޔަރުންގެ ޓީމުން ބުނެފައި ވަނީ އަދިވެސް އުންމީދަކީ ޝަމީމާއަށް އަނބުރާ ގައުމަށް ދެވުން ކަމަށާއި، އިނގިރޭސިވިލާތުގެ ސަރުކާރުން އޭނާ ބަލައިގަންނަން ޖެހޭ ކަމަށެވެ.

ހަނގުރާމައިގެ މައިދާނަށް ދިޔުމަށް ޝަމީމާ ވަނީ ނެދަލޭންޑްސްގެ ހަނގުރާމަވެރިޔަކާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ކުރިން ދެ ކުއްޖަކު ލިބިފައިވާއިރު، ދެ ކުދިންވެސް ހަނގުރާމައިގެ ތެރޭގައި ޅަ އުމުރުގައި މަރުވިއެވެ.

ޝަމީމާގެ ފިރިމީހާވެސް ވަނީ ހަނގުރާމައިގެ މައިދާނުގައި ދާދިފަހުން މަރުވެފައެވެ. 2015 ވަނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ރަހުމަތްތެރިންނާއި އެކު ސީރިޔާއަށް ދިޔަ ޝަމީމާ ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ސީރިޔާ އާއި އިރާގުގެ އެކި ހިސާބުތަކުގައި ދިރިއުޅެފައިވާކަމަށެވެ.