ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނާއި އެކު 20 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ވަރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންއާއި އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ވަލީއަހުދު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ތަނުގައި ވެސް ޕާކިސްތާނާއި އެކު ވިޔަފާރީގެ ގުޅުން އިތުރު ކުރާނެ ކަމަށެވެ.

ވިޔާފާރީގެ އެއްބަސްވުމުގެ ތެރޭގައި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި 3 ޕަވަރ ޕްލާންޓާއި އިތުރު ޕްރަވިންސެއްގައި އޮއިލް ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް ކޮންޕްލެކްސްއެއް ހެދުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ސައުދީ ކެބިނެޓް މިނިސްޓަރުންނާއި ބޮޑެތި ވިޔަފާރިވެރިންނާއި ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

ވަލީއަހްދު މުހައްމަދު ވަނީ ސައުދީ އަރަބިއްޔާގެ ޖަލުތަކުގައި ތިބި ޕާކިސްތާންގެ 3000 އާއި ގާތް ކުރާ އަދަދެއްގެ ގައިދީން ވެސް މިނިވަން ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެފައެވެ. ޕާކިސްތާންގެ 2.5 މިލިއަން މީހުން ސައުދީ އަރަބިއްޔާގައި ދިރިއުޅެއެވެ.

ޕާކިސްތާން ދަރަނިން ސަލާމަތްވުމުގެ ގޮތުން އެގައުމުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީއަކަށް ވެސް އެދިފައެވެ.

މިދަތުރުފުޅުގައި ޕްރިންސް މުޙައްމަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި 2 ދުވަހުގެ މުއްދަތަކަށް މަޑު ކުރުމަށްވަނީ ނިންމާފައެވެ. އެއަށްފަހު މިދަތުރުގައި އިންޑިޔާ އަދި ޗައިނާއަށް ވަޑައިގަތުމަށްވަނީ ނިންމާފައެވެ.

އޭޝިޔާގެ ބައެއް ޤައުުމުތަކަށް ސަޢުދީގެ ވަލީ އަޙްދު އަލްއަމީރް މުޙައްމަދު ބިން ސަލްމާން ކުރައްވާ ދަތުރުފުޅުގެ ތެެރެއިން އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކީ ޕާކިސްތާނެވެ.

ފަހަކަށް އައިސް ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ވަމުންނެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ އިން ވަނީ ޕާކިސްތާންގެ ދަރަނި ފޫބައްދަން ހަބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ސައުދީ އަތުން މިސަރުކާރުން ލަާރި ކޮޅެއް ހޯދޭތޯ ބަލަން ޝާހިދު ދިޔަ އެކަމަކު އައީ ހުސްއަތާ ދަންނަވަން ސައުދީން ފައިސާ ލިބޭނީ އެތަނުގެ ޝާހީ އާއިލާ އާއި ހާއްސަ ގުޅުމެއް އުފެއްދިގެން އެކަން ކުރެވޭނެ މީހާވެސް ރާއްޖޭގައި އެބަހުރި އެކަމު ހިޔެއްނުވޭ އޭނާ ތިކަމާއި އުޅެދޭނެ ހެނެއް. މިއީ ވަރަށް ބޮޑު ވާހަކައެއް

  2. އަލީ

    ސައުދީ އަތުން މިސަރުކާރުން ލަާރި ކޮޅެއް ހޯދޭތޯ ބަލަން ޝާހިދު ދިޔަ އެކަމަކު އައީ ހުސްއަތާ ދަންނަވަން ސައުދީން ފައިސާ ލިބޭނީ އެތަނުގެ ޝާހީ އާއިލާ އާއި ހާއްސަ ގުޅުމެއް އުފެއްދިގެން އެކަން ކުރެވޭނެ މީހާވެސް ރާއްޖޭގައި އެބަހުރި އެކަމު ހިޔެއްނުވޭ އޭނާ ތިކަމާއި އުޅެދޭނެ ހެނެއް. މިއީ ވަރަށް ބޮޑު ވާހަކައެއް. ޖީވަންގެ ހަގީގަތް އިނގޭތީ