އިޔާދަ ކުރުވަނިވި ހަކަތަ އުފައްދަން ޗައިނާއިން އުފައްދާ " އާޓިފިޝިއަލް ސަން " ގެ ހުރިހާ މަސައްކަތެއް މިއަހަރު ނިމޭނެ ކަމަށް އެގައުމުން އިއުލާން ކޮށްފިއެވެ.

ޓޮކަމަކް ގެ ނަމުން ނަންދީފައިވާ މި އިރަކީ ނިއުކިލިޔާ ރިއެކްޓަރެއް މެދުމެރިކޮށް އުފައްދާ އިރެކެވެ. ޗައިނާ އިން އުފައްދާ މި އިރުގެ ހޫނު މިން 100 މިލިއަން ޑިގްރީ އަށް އަރާނެ ކަމަށް އެގައުމުން ބުނާ އިރު މިދިޔަ އަހަރު ވެސް އެގައުމުން ވަނީ މިފަދަ އިރެއް އުފައްދާފައެވެ.

ޗައިނާއިން އުފައްދާ އިރުގެ ހޫނުމިން ދުނިޔެއަށް އަލިކަންދޭ އިރުގެ ހޫނު މިނަށް ވުރެން ހަގުނަ އިތުރެވެ. ޗައިނާގެ މަގުސަދަކީ މި އިރު ބޭނުންކޮށްގެ، އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމެވެ. މީގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން އެތަށް ތަނަކުން ކުޑަވާނެ ކަމަށް އެގައުމުން ބުނެއެވެ.

ޗައިނާއިން ދަނީ އެގައުމުގެ ޖައްވީ ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ވެސް ހޯދަމުނެވެ. އެގޮތުން ދާދި ފަހުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.

އެގޮތުން ހަނދުގެ އަނދިރި ފަރާތް ދިރާސާ ކުރަން ޗައިނާއިން މިދިޔަ އަހަރު ޑިސެންބަރު މަހު ފޮނުވި އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަނދިރި ފަރާތުގައި ވަނީ ޖެއްސާފައެވެ.

ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ހަނދުވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަނދެވެ.

ކިޔުންތެރިންގެ ހިޔާލު