ފްރާންސްގެ ވެރިކަންކުރާ ޕެރިސްގައި ހުންނަ މަޝްހޫރު ޑިޒްނީ ލޭންޑުގެ ޕާކެއްގެ ތެރެއިން ކުއްލި ގޮތަކަށް ބާރުގަދަ އަޑުފައްގަނޑެއް އިވިގެން ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

ގިނަ ބަޔަކު ޕާކު ތެރޭގައި ތިއްބައި މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގުމާއި އެކު އެތަނުގައި އެވަގުތު ތިބި ގިނަ މީހުން ވަނީ ޕާކުން ނިކުމެގެން ގޮސްފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ފެންނަނީ އެ ސަރަޙައްދުގައި ތިބި ގިނަ ޢަދަދެއްގެ އާންމުން ބިރުން ސަރަޙައްދު ދޫކޮށް ދުވެފައިދާ މަންޒަރެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

 

ކޮންމެ ވަގުތެއްގައި ވެސް ނިރުބަވެރި ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރު އަބަދުވެސް ބޮޑުވެފައި އޮންނަ ޕެރިސްގައި މި ހާދިސާ ހިނގިއިރު، ޕެރިސްގެ ޑިޒްނީލޭންޑަކީވެސް ހަނގުރާމަވެރި ޖަމާޢަތަކުން އެފަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު މީގެ ކުރިން ދީފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ރޭގެ ހާދިސާ އާއި އެކު ގިނަ ބަޔަކު ހީކުރީ އެއީ ބޮން ގޮއްވުމުގެ ހާދިސާއެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ފަހުން ބުނެފައިވަނީ، ހާދިސާ ހިނގަން މެދުވެރިވީ ޑިޒްނީލޭންޑުގެ ޕާކު ތެރޭގައި ހުރި އެސްކަލޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ އެސްކެލޭޓަރުން ބާރުގަދަ އަޑުފައްގަނޑެއް އިވުމުން އެލާމް އަޅަން ފެށީ ކަމަށާއި، މިއީ ބަޔަކު ހަމަލާ ދިނުމުން ހިނގާދިޔަ ހާދިސާއެއް ނޫންކަމަށެވެ.

 

ރޭގެ ހާދިސާއަށްފަހު، ޑިޒްނީލޭންޑަށް ނިރުބަވެރި ހަމަލާއެއް ދީފިކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން ދޮގުކޮށް ޑިޒްނީލޭންޑުން ބުނެފައި ވަނީ އެއީ އެސްކެލޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިނގި އެކްސިޑެންޓެއް ކަމުގައި އާއި އެ ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް ނޭނގޭ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އެފަރާތުން މިހާރު މަސައްކަތް ކުރަމުންދާއިރު، ދެވަނަ ފަހަރަކު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން އޮތް މަސައްކަތް ކުރާނެ ކަމަށް ޑިޒްނީއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ ޑިޒްނީލޭންޑަށް ޒިޔާރަތްކުރި އެންމެން ޕާކުން ނެރެ ހަތިޔާރު އެޅި ފުލުހުން ވަނީ ޕާކުތެރެ ބަލައި ހޯދާފައެވެ. ނަމަވެސް ނިރުބަވެރި ހަމަލާއަކާއި ގުޅުންހުރި އެއްވެސް އެއްޗެއް ޕާކު ތެރެއިން ފެނިފައި ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ފްރާންސް އަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ނިރުބަވެރި ޖަމާޢަތްތަކުގެ އަމާޒެކެވެ. އެގޮތުން މީގެ ކުރިން އިސްލާމިކް ސްޓޭޓްސް އާއި އެނޫންވެސް ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ދިން ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.