ދެކުނު އޭޝިއާ ސަރަޙައްދުގައި ފަހުގެ ތާރީޚެއްގައިވެސް އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ، "ތޫފާން ފަނީ" އިންޑިއާގެ އިރުމަތީ އައްސޭރީގެ ބޮޑު ބަޔަކަށް ވަނީ އަރާފައެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭ އެ ސަރަޙައްދުތަކަށް ތޫފާން އަރާ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިލިއަނެއްހާ މީހުން ވަނީ ގެދިރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ގޮސްފައެވެ.

ތޫފާން ފަނީގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަޙައްދަކީ އިންޑިއާގެ ޕޫރީ ސިޓީއެވެ. މި ސިޓީގެ އައްސޭރިއަށް ތޫފާން އަރަމުންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ތޫފާނުގެ ބާރުގަދަކަން ހާމަވެގެން ދެއެވެ. އަދި ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް އެ ސަރަޙައްދަށް ލިބެމުންދިޔަ މަންޒަރުވެސް ވީޑިއޯއިން ވަނީ ފެނިގެން ގޮސްފައެވެ.

ޕޫރީއަށް ތޫފާން ފަނީ އަރަން ފެށީ ހުކުރު ދުވަހުގެ ހެނދުނު 8 ހާއިރު ކަމަށް އިންޑިއާގެ މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ. ތޫފާން އެރި ވަގުތު އާދަޔާއި ޚިލާފަށް ވައި ބާރުވެ ބޯކޮށް ވާރޭވެހެމުންދިޔަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ (ޕީއައިބީ) އިންވެސް އާންމުކޮށްފައިވެއެވެ. އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ޕޫރީއަށް ތޫފާން އެރި ގަޑީގެ ބިރުވެރިކަން ވީޑިއޯއިން ފެނިގެން ދެއެވެ.

ޕޫރީއަށް ތޫފާން ފަނީ އެރުމުގެ ސަބަބުން އެ ސިޓީޣެ ބައެއް އަވަށްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުއަޑިޔަށް ދިޔައެވެ. އަދި ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބި މަގުމަތީގައި ހަރުކޮށްފައި ހުރި ދަގަނޑާއި ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ސިޓީގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. މި ތޫފާނުގެ ސަބަބުން ޕޫރީ އިން މީހަކު މަރުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.