އިންޑިއާގެ ސްޓޭޓަކަށް ކަރަންޓާއި ފެން ނުލިބި އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މީގެ ހަފްތާއެއްހައި ދުވަސްކުރިން އިންޑިއާގެ އޮޑީޝާ ސްޓޭޓަށް އެރި ވަރުގަދަ ތޫފާން، "ތޫފާން ފަނީ"ގައި އެ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މިގޮތުން ސްޓޭޓަށް ކަރަންޓު ފޯރުކޮށްދިނުމަށް ދަމާފައިވާ ކޭބަލްތަކާއި ޓްރާންފޯމަރުތައް ހަލާކުވެ ކަރަންޓުގެ ޚިދުމަތް ވަނީ ސްޓޭޓުގެ ބޮޑު ބަޔަކުން ކެންޑިފައެވެ. މީގެ އިތުރުން ލިބުނު ގެއްލުންތަކާއި އެކު އޮޑީޝާގެ އަވަށްތަކަށް ފެން ފޯރުކޮށްދޭ ނިޒާމަށްވެސް ގެއްލުން ލިބި ސާފު ފެނާއި ނުލާ ސްޓޭޓުގެ އެތައް ހާސް ބަޔަކު އުޅެމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ.

މިކަމާއި ގުޅިގެން އެ ސްޓޭޓުގެ އެތައް ހާސް އާންމުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައިވާއިރު، އެފަރާތްތަކުން ވަނީ އެކަންކަމަށް ޙައްލެއް ހޯދައި ދިނުމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ނޫސްތައް ބުނާގޮތުގައި ހިތްހަމަނުޖެހިފައިވާ މުޒާހަރާގެ ބައިވެރިން ވަނީ ކަރަންޓުގެ ޚިދުމަތް އޮޑީޝާގައި ފޯރުކޮށްދެމުންދާ އެ ސްޓޭޓުގެ ސެންޓްރަލް އިލެކްޓްރިކް ސަޕްލައި ޔުނިޓަށްވެސް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން އެ ސަރަޙައްދަށް ދިއުމުން، މުވައްޒަފުން ވަނީ އެތަން ބަންދުކޮށްފައެވެ.

ތޫފާން "ފަނީ" އަށްފަހު އޮޑީޝާގެ އިދާރާތައް އެ ސްޓޭޓުގެ ރައްޔިތުންނަށް އަޅާލުމުގައި އިހުމާލުވެފައިވާއިރު، އިންޑިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެހްއާރުސީ) އިން އެ ސްޓޭޓުގެ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ތޫފާން "ފަނީ" އާއި ގުޅިގެން އެ ތޫފާނުގެ އަސަރު ކުރި ސަރަޙައްދުތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން އޮޑީޝާގެ ރައްޔިތުންނަށް ރައްދުކޮށްދީފައި ނުވާކަމުގެ ޝަކުވާތައްވެސް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިކަމާއި ބެހޭގޮތުން އޮޑީޝާގެ ރަސްމީ ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިއަދުގެ ވަގުތެއްގައި ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބޭ ސަރަޙައްދުތަކަށް އަލުން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ކުރިން އިދާރާތަކުން ބުނެފައި ވީނަމަވެސް، މިހާތަނަށް އެމަސައްކަތް އެއްވެސް ވަރަކަށް އޮޑީޝާގައި ކުރަމުން ނުދާކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައި ވެއެވެ.

ބޭއި އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ތޫފާން، "ފަނީ" އިންޑިއާއަށް އެރުމާއި ގުޅިގެން އެޤައުމުގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮޑީޝާގެ އިތުރުން ޕޫރީ އާއި ކުރްދާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    މޯދީސަރުކާރުން ކަންކުރާގޮތްއެއީ. އޭނާ ދުވަނީ އަދިވެސް ވަޢުދުވަމުން. އިންޑިއާ ޚަރާބުކޮށްފި އޭނާގެ ވެރިކަމުގައި.

    9
    1
  2. އަހަުމަދު

    ރާއްޖޭގެ ރައީސް ވެދާޅުވަނީ ދިވެހި ރާއްޖެ އޮތީ 100 އަހަރު ފަހަތުގައޭ އިންޑިޔާ އޮތީ ކިތައްދަރަޖަ ފަހަތުގައިތޯ .... އަމިއްލަ ގައުމުގެ ރައީސް އަމިއްލަ ގައުމު ދެރަކުރާ ގައުމެއް މިނޫނީ ދުނިޔޭގައި އޮތްބާ ... އަސާސީ ޚިދުމަތުގެ ރޭހުގައި މިސަރަހައްދުގައި ރާއްޖެ އޮތީ އެއްވަނާގައި އެކަމު ރައީސް މިދާޅުވާ ވާހަކަ އާއި ހެދި އަހަރެން ކޮސްވޭ......

    9
    1