ހުކުރު ދުވަހު އިންޑިއާ އަށް އެރި ބާރުގަދަ ތޫފާން"ފަނި" ބަންގުލަދޭސް އަށް އަރާ ފަސް މީހަކު މަރުވެއްޖެއެވެ.

މި ތޫފާނުގައި ބަންގުލަދޭޝްގެ 1000 އަށްވުރެން ގެ ސުންނާފަތިވިއިރު ތޫފާނާއި ގުޅިގެން އެއްމިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވުނެވެ. ބާރުގަދަ މި ތޫފާނުގައި ބަންގާޅުން 63 މީހުން ޒަހަމުވިއެވެ. މި ތޫފާން ބަންގުލަދޭޝް އަށް އެރީ އިންޑިއާގެ އިރުމަތީ ބައެއް ސްޓޭޓުތަކަށް އަރައި ބޮޑެތި ގެއްލުންތަލެއް ލިބިފައި ވަނިކޮށެވެ. މި ތޫފާނުގައި އިންޑިއާއިން 12 މީހުން މަރުވިއެވެ.

ހުކުރު ދުވަހު އިންޑިއާގެ އޮޑިޝާއަށް އެރި މި ތޫފާނުގައި ގަޑިއަކު 205 ކިލޯމީޓަރު ބާރުމި ވައި ޖެހިފައިވެއެވެ. މި ތޫފާން ގިންތިކޮށްފައިވަނީ ފަސްވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގައެވެ.

މި ތޫފާން އެރުމުގެ ކުރިން އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ބުނެފައިވަނީ، އޮޑިޝާގެ ބިން ތިރި ހިސާބުތަކުގައި ދިރިއުޅޭ 1.2 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަކުގައި ޤާއިމްކޮށްފައިވާ 5000 ހިޔާވެއްސަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އޮޑިޝާގެ ސްޕްޝަލް ރިލީފް ކޮމިޝަނަރ، ބިޝްނުޕާޅާ ސެތީ މީޑިއާގައި ވިދާޅުވީ، ތޫފާނާއި ގުޅިގެން ބައެއް ސަރަޙައްދުތަކުގައި މުވާސަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ.

'ތޫފާން "ފަނި" އަކީ 1999 ވަނަ އަހަރުގެ ފަހުން އޮޑިޝާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. 1999 ވަނަ އަހަރު އޮޑިޝާއަށް އެރި ތޫފާނުގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވިއިރު، އެ ތޫފާނުގައި އޮޑިޝާއަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.