އިންޑިއާގެ މަދިޔަ ޕްރެދޭޝްގައި އޮޓޯއެއްގައި ދަތުރުކޮށްފައި ދިޔަ ތިން މުސްލިމަކު އޮޓޯއިން ބޭލުމަށް ފަހު ހަމަލާދީ އަނިޔާ ކޮށްފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މަދިޔަ ޕްރެދޭޝްގެ އަވަށަކަށް ނިސްބަތްވާ ބަޔަކު އަނިޔާ ކޮށްފައިވަނީ އަންހެނަކާއި އެކު ދެފިރިހެނަކަށެވެ.

ގެރިމަސް ހިފައިގެން ދަތުރު ކުރި ކަމަށް ބުނެ އެމީހުން ވަނީ އަންހެން މީހާގެ އިތުރުން ދެ ފިރިހެނުން ގަހެއްގައި ބަދެ ލަކުޑިބުރިން ތަޅާ އަނިޔާ ކޮށްފައެވެ. އަދި ތިން މުސްލިމުން ލައްވާ ހިންދޫ ދީނުގެ ބަސްތަކެއް ގަދަ ކަމުން ބުނުވަން މަސައްކަތް ކޮށްފައެވެ.

ތިން މުސްލިމަކަށް އަނިޔާ ކުރި މައްސަލާގައި މި ގްރޫޕަށް ނިސްބަތްވާ އެކަކު އިންޑިއާގެ ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހުން ހޯދުމުގެ މައްސަކަތް ދަނީ ކުރެވެމުން ކަމަށް ފުލުހުން ބުނެއެވެ.

މި ހަމަލާއާއި ގުޅިގެން އޯލް އިންޑިއާ އިއްތިހާދޭއި މުސްލިމީންގެ ޗީޕް އަދި މިފަހަރު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި ހައިދުރައާބާދުގެ ގޮނޑިއަށް އިންތިހާބުވި އަސާސުއްދީން ކުރެއްވި ޓުވީޓްގައި އޭނާ ވިދާޅުވީ މިއީ މޯދީގެ ސަޕޯޓަރުން މުސްލިމުންނާއި މެދު ކަންތަށް ކުރާގޮތް ކަމަށެވެ.

ގެރިމަސް ހިފައިގެން ދަތުރު ކުރި ކަމަށް ބުނެ އިންޑިއާގެ މަދިޔަ ޕަރެދޭސްގައި ތިން މުސްލިމަކަށް ހަމަލާދިން ވީޑިއޯ ވެސް މިހާރު ވަނީ އާންމުވެފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ނިސްބަތްވާ ވެރިކަންކުރާ ބީޖޭޕީން އަކީ ގެރީގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާ ޕާޓީއެކެވެ. މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ގެރި ކަތިލުން ވެސް އެޕާޓީގެ ސަރުކާރުން މަނާކުރިއެވެ. އަދި ގެރި ކަތިލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސަރުކާރުގެ ވެރިން ދީފައި ވެއެވެ.

އިންޑިއާގެ ހިންދޫންގެ ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުން އެޤައުމުގައި ގެރިމަސް ބޭނުންކުރުމާއި ގެރި ކަތިލުން އަދި ކެއުމާއި ވިއްކުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު